ޖުމްލަ 16 ޓީމަކާއެކު އުރީދޫ ނޭޝަން އިންޓާ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ބައިވެރިވި މި ޓޯނަމަންޓަކީ ރާއްޖޭގައި ވެސް ބޭއްވުނު ފުރަތަމަ އީސްޕޯޓްސް ޓޯނަމަންޓެވެ.
އުރީދޫއިން ބުނީ ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޯބައިލްގައި ކަމަށެވެ. އަދި މި މުބާރާތަށް ރިސޯޓްތަކުން ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އުރީދޫއިން ބުނެއެވެ.
މުބާރާތުގައި ވަނަ ވަނައަށް ދިޔަ ފަރާތްތައް:
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
- ޗެމްޕިއަން: ޖޯލި ބީންގް 2 – 5،000 ރުފިޔާ
- ރަނާ-އަޕް: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3،000 ރުފިޔާ
- 3 ވަނަ: ޖޯލި ބީންގް – 2،000 ރުފިޔާ
ޕަބްޖީ މޯބައިލް
- ޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5،000 ރުފިޔާ
- ރަނަރ-އަޕް: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3،000 ރުފިޔާ
- 3 ވަނަ: ސަމާ އައިލަންޑް މޯލްޑިވްސް- 2،000 ރުފިޔާ
އުރީދޫއިން މި މުބާރާތް ބާއްވާފައި ވަނީ މުޅިން އޮންލައިންކޮށެވެ. އުރީދޫއިން ބުނީ އެއީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް މި ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
އުރީދޫއިން ފާހަގަކުރި ގޮތުގައި އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އިސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާދިނުމަށެވެ.