ޖުވާ ކުޅުމާއި އެ ކުޅިވަރު ކުޅުމަށް ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތައް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެކަމިނުފާނު ހިއްސާ ކުރައްވާފައި ނުވެއެވެ. ރައީސް މިފަދައިން ނިންމަވާފައިވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މީގެ ކުރިން ވެސް އެފަދަ ސައިޓްތައް ބްލޮކްކޮށްފައި ވެއެވެ.
އެގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މެދުވެރިކޮށް ދިވެހީންގެ މެދުގައި މަގްބޫލު ކަމެއް ހޯދާފައިވާ "ކިރަބެޓް" ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމެއްވެސް ބްލޮކްފައި ވެއެވެ.
އިސްލާމުދީނުގައި ވެސް ޖުވާ ކުޅުމަކީ ހަރާމް ކުރައްވާފައި ކަމަކަށްވާއިރު ފަހަކަށް އައިސް ރާއްޖޭގައި ޖުވާ ކުޅުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އޮންލައިންކޮށް ޖުވާ ކުޅުމަކީ ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންގެ މެދުގައި ވެސް ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މިހާރަކަށް އައިސް ރާއްޖޭގައި ފާޅުކަން ބޮޑުގޮތެއްގައި ޖުވާ ކުޅުން އިސްތިހާރު ކުރަމުންދާއިރު އެފަދަ ކަންކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދަނީ ޓެލެގްރާމްގެ ޒަރިއްޔާއިންނެވެ. އަދި ޖުވާ ކުޅުމުގައި ބައިވެރިވޭނެ ލިންކުތައް އެ ގުރޫޕުތަކުގައި ދައުރުކުރަމުންދެއެވެ. ރާއްޖޭގައި ދުވަހަކުވެސް ޖުވާ ނުފެތުރޭ މިންވަރަށް މި ފަހަކަށް އައިސް ދަނީ އާންމުވަމުންނެވެ.
