އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބާއްވަން ނިންމި "ދިވެހީންގެ ސުލްހަވެރި ހިނގާލުން" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.
މިއަދު ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިން ފަށަން ނިންމާފައިވާ އެ ހިނގާލުން ފަސްކުރިކަން އިއުލާނުކޮށް ޕީޕީއެމްއިން ބުނީ މޫސުން ގޯސް ކަމަށް ދައްކާތީއާއި މިހާރުވެސް މެދު ނުކެނޑި ވާރޭ ވެހެމުން ދާތީ މިއަދުގެ ސުލްހަވެރި ހިނގާލުން އެހެން ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.
ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ. އެ ކޯލިޝަނުން މިފަދަ ހިނގާލުންތައް ބާއްވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ހުއްޓިފައި އޮތްއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.
ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.