އިއްޔެ ޖުމްހޫރީ މައިދާނުގައި ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސް އަޅާ ކޮށްޕާލައި ވައްޓާލި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކޯލިޝަންގެ ހަރަކާތް ކަވަރު ކުރަމުން ގެންދިޔަ ނޫސްވެރިންނަށް މަސައްކަތް ހުއްޓާލައި އެތަނުން ދުރަށް ދިއުމަށް އަންގާ ކޮއްޕަމުން ގެންދިޔަ މަންޒަރު ޓީވީތަކުން ވެސް ވަގުތުން ދައްކަމުން ދިޔަ ކަމަށެވެ.

ވަރަށް އަނިޔާވެރިކަމާއެކު ކޮއްޕާ ވައްޓާލި ދެ ނޫސްވެރިންގެ ތެރޭގައި ޗެނަލް13 ގެ ކެމެރާމަނަކާއި، ސަންގުޓީވީ ގެ ނޫސްވެރިއެއް ހިމެނޭ ކަން ފާހަގަކޮށް އިދިކޮޅުން ބުނީ، ފުލުހުންގެ މިއަމަލުގެ ސަބަބުން އަނިޔާވި ނޫސްވެރިންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރާ ކަމަށެވެ.

އިދިކޮޅުން އިތުރަށް ބުނީ، ނޫސްވެރިންނަކީ އެމީހުންގެ މަސައްކަތުގެ މާހައުލުގައި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ބަޔަކަށް ވާއިރު، އެކަމަށް ބެލުމެއް ނެތި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ނޫސްވެރިންނަށް ތަކުރާރުކޮށް ފުލުހުން އަނިޔާ ކުރަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ނޫސްވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލް އަދި އިންޓެގްރިޓީ ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ސޯޝަލް މީޑއާގައި އާންމުވި ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސަން އުޅުމުގެ ތެރެއިން، އެ ތަނުގައި ހުރި ފުލުހަކު ވަނީ ނޫސްވެރިން ކޮއްޕާ ވައްޓާލައިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނާމެދު އަމަލު ކުރި ގޮތް ބަލަމުންދާ ކަމަށެވެ.