ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެވަނަ ދައުރެއް ހޯއްދެވުމަށް ފެއްޓެވި ރިޔާސީ ކެމްޕެއިންގެ ތެރެއިން ހއ.އިހަވަންދޫއަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އިހުތިޖާޖު ކުރާތީ ހުއްޓުވުމަށް ޕީޕީއެމް ޖަގަހައަށް ފުލުހުން ވަދެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފަށްޓަވާ ފަސް ރަށަކަށް ވަޑައިގެންފައި ވެއެވެ. އެއީ ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށެވެ.

މިއަދު ހަވީރު އެމަނިކުފާނު އިހަވަންދޫއަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ވަނީ ބެނާތައް ހިފައިން މުޒާހަރާ ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. މީގެ އިތުރުންވެސް އިދިކޮޅު ފަރާތްތަކުން ދަމާފައި ހުރި ބެނާތައްވެސް ފުލުހުން ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިރޭ ޕީޕީއެމް ޖަގަހައަށް ފުލުހުން ވަދެ ހުއްޓުވާފައި ވަނީ އަޑުގަދަ ކުރާ ބޭނުން ކޮށްގެން ބާރަށް ލަވަ ޖަހަމުން ދަނިކޮށެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދީފައި ވެއެވެ. އަދި އިހަވަންދޫ އާއި ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެހެން ރަށްރަށުގައި ބާއްވަމުން ދަނީ ކަންމަތީ ބައްދަލުވުންތަކެވެ. ހއ ގެ އެހެން ރަށްތައް ކަމުގައިވާ ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ރައީސް ސޯލިހު ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވާއިރު، ބައެއް ރައްތަކުން ދަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެމަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންނެވެ.