މާލޭ ގެއަކަށް ވަދެ، ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން މީހަކަށް ހަމާދިން މައްސަލައިގައި ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހިމް ސަމީން ހައްޔަރު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ބަންދުގައި 55 ދުވަސް ހޭދަ ކުރި ފަހުން އިއްޔެ ކްރިމިނަލް ކޯޓުން ސަމީން ދޫކޮށްލާފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވުމަށް އެއްވެސް އަމަލެއް ނުކުރުމަށް ޝަރުތު ކުރުމަށްފަހުއެވެ. އަދި ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބަލައި ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ސަމީން ވަނީ އޭނާއަކީ އާއިލާއެއް ބަލަހައްޓާ މީހެއް ކަމަށާއި ވިޔަފާރިއެއް ހިންގާ މީހެއްކަމަށްވުމުން ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލަން އެދިފައެވެ.
ސަމީންގެ އަމުރުގައި އަނިޔާ ލިބުނު ފަރާތް ބުނާ ބުނުން ފިޔަވައި ދެން ހުރި ހެކިތަކަކީ ކުށާއި ގުޅުވާލެވޭ ސީދާ ހެކިތަކެއް ނޫން ކަމަށް ބުނެފައިވާއިރު އޭނާގެ އަތުން 3.8 މިލިއަން ރުފިޔާ އަނިޔާ ލިބުނު ފަރާތް ނަގާފައިވާކަމަށާއި އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން އަނިޔާ ލިބުނު ފަރާތް ގުޅައި އިންޒާރު ދީފައިވާކަންވެސް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށް އެ އަމުރުގައި ވެއެވެ.
ސަމީން ހައްޔަރުކޮށްފައި ވަނީ ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފައިވަނިކޮށް މެއި 24 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުންނެވެ.
ސަމީންގެ މައްޗަށް ތުހުމަތު ކުރެވެނީ މެއި މަހުގެ 2 ވަނަ ދުވަހު މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމުގެ މައްސަލައެވެ.