ރައީސް އަބްދުﷲ ޔާމީން ޖަލަށް ލި ފަހުން މަގުތަކުގައި އިހުތިޖާޖު ކުރަމުން އަންނަ ޕީޕީއެމް އިން "ދިވެހީންގެ ސުލްހަވެރި ހިނގާލުން"ގެ ނަމުގައި އަންނަ ހުކުރު ދުވަހު ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ އެ ހިނގާލުން ފަށަނީ އެ ދުވަހުގެ ހަވީރު 4:00 ޕީޕީއެމް ދޮރު މަތިން ކަމަށެވެ.

ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ. އެ ކޯލިޝަނުން މިފަދަ ހިނގާލުންތައް ބާއްވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

މީގެ ކުރިން އެ ކޯލިޝަނުން ވަނީ "އިންސާފް ހޯދަން" ނަމުގައި ވެސް ހިގާލުމެއް ބާއްވާފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ހުއްޓިފައި އޮތްއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.

ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.