ހައްދެއް ނެތް މިންވަރަށް މެންބަރުން އިތުރުވާން ތާއީދު ނުކުރައްވާ ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އަށް ރައްދުދެއްވައެވެ.

ހަބީބް ވިދާޅުވީ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލުތައް ފާސްކޮށްފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް 6 ގޮނޑި އިތުރުވާނެ ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތައް އޮންނަ އޮތުމަކީ އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެނައުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ ދެންފެށޭ ދައުރުގައި ގާނޫނު އަސާސީ އިސްލާހުކުރުމަށް އެމްއެންޕީއިން ހުށަހަޅާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހަށް އިތުރުވާ 6 ގޮނޑި:

  • މާލޭ ސިޓީ އަށް 2 ގޮނޑި
  • އައްޑޫ ސިޓީ އަށް 1 ގޮނޑި
  • މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި
  • މާލެއަތޮޅަށް 1 ގޮނޑި
  • ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

ހަބީބް ވިދާޅުވީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އެ ކޮމިޝަނުން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންނެވެ.

ފަސް ހާސް މީހުންނަށް ވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރު ކުރާނެއެވެ.

މިހާރު މަޖިލީހުގައި 87 މެންބަރުން ތިބެއެވެ.