ދަރުމެންދުރާ އާއި ހެމާ މާލިނީ އޭ ބުނީމަ ނޭނގޭ އެއްވެސް ދިވެއްސަކު ނޫޅޭނެކަން ގައިމެވެ. މަންމަމެން، މާމަމެންގެ ޒަމާނުގައި މި ދެތަރިންނަކީ މުޅި ބޮލީވުޑް ފަތަހަ ކުރި ދެތަރިންނެވެ. އޮން ސްކްރީން ކަޕްލް އަށް މި ޖޯޑު ހަމަ ރަނގަޅަށް ވެސް ފިޓުވާއިރު ދެތަރިންނަކީ ހަގީގީ ދިރިއުޅުމުގައިވެސް ޖޯޑެކެވެ. މި ދެމީހުންގެ ލޯބީގެ ވާހަކައަކީވެސް އޭރުވެސް އަދި މިހާރުވެސް އެންމެ މަޝްހޫރު އެއް ވާހަކައެވެ. 40 އަށް ވުރެ ގިނަ ފިލްމުތަކުން އެކުގައި ފެނިގެން ދިޔަ މި ދެތަރިންނަކީ ހަގީގީ ދިރިއުޅުމުގައިވެސް ލާމަސީލު ނަމޫނާއެކެވެ.

1960 ވަނަ އަހަރު އެކްޓިން ދާއިރާ އަށް ވަން ދަރުމެންދުރާގެ ހުނަރު ފެނިފައި އޭރު ހުރިހާ ޑައިރެކްޓަރުންވެސް ތިބީ އާޝޯހުވެފައެވެ. ވާސަޓައިލް އެކްޓަރު ދަރުމެންދުރަ ފުރަތަމަ ފެނިލުމުންވެސް ގިނަ ބައެއްގެ ތައުރީފް އެކްޓަރަށް ލިބުނުއިރު، ޑައިރެކްޓަރުން ކިޔު ދަމާލީ އެމީހުންގެ ފިލްމެއްގައި ދަރުމެންދުރަ ލައްވައި އެކްޓުކުރުމަށެވެ. ފުލުފުލުގައި ފިލްމުތައް ލިބެން ފެށިއިރު، ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ކަޕޫރު އާއިލާގެ އޭރުގެ މެންބަރުންނާއެކުވެސް އެކްޓަރު ވަނީ މަސައްކަތް ކޮށްފައެވެ.

ދަރުމެންދުރަ ފިލްމު އިންޑަސްޓްރީ އަށް ނުކުތްތާ ތިން އަހަރުފަހުން ބަތަލާ ހެމާ މާލިނީ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރިއެވެ. ބަތަލާ ހެމާގެ ރީތި ކަމާ އެއްވަރަށް އޭނާގެ އެކްޓިންވެސް އޭރު ގިނަ ބަޔަކަށް ކަމުދިޔައެވެ. އިސާހިތަކު "ޑްރީމް ގާލް" ގެ ނަމުން ހެމާ މާލިނީ ބޮލީވުޑްގައި މަޝްހޫރުވެގެން ދިޔައެވެ. ދެމީހުން އެކުގައި ކުޅުނު އެންމެ މަޝްހޫރުވި ފިލްމަކީ 1975 ވަނަ އަހަރު ނުކުތް ފިލްމު "ޝޯލޭ" އެވެ.

ދަރުމެންދުރަ އާއި ހެމާ މާލިނީ އާއި ދެމީހުންގެ ދެ ދަރިން----

1970 ވަނަ އަހަރު ދެމީހުން އެކުގައި ކުޅުނު ފިލްމު "ތުމް ހަސީން މޭ ޖަވާން"ގެ ސެޓުން ދެމީހުން ދިމާވެ ދެ މީހުންނަށް ލޯބިވެވުނެވެ. ނަމަވެސް ފިލްމީދާއިރާއަށް ނުކުތްއިރުވެސް އެކްޓަރުގެ އަންބްކު އިނެވެ. ޕްރަކާޝް ކޯރު އާ ކައިވެނިކޮށް އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ތިއްބެވެ. އެ ކައިވެނިން ދަރުމެންދުރަ އަށް ލިބުނު ދެދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އަކީ ވެސް ބޮލީވުޑް ތަރިންނެވެ. ނަމަވެސް ހެމާ ފެނުމުން އޭނާ އާ ކައިވެނިކުރަން ދަރުމެންދުރަ ބޭނުންވިއެވެ. ދަރުމެންދުރަ ދެކެ ލޯބިވެވުމުގެ ސަބަބުން ބަތަލާ އަށް ލިބެމުން އައި ކައިވެނީގެ ހުށައެޅުންތަކަށް ވެސް އޭރު ނޫނެކޭ ބުންޏެވެ. އެއަށްފަހު ދެވަނަ އަންބެއްގެ މަގާމު ހެމާ އަށް ދިނީ 1980 ވަނަ އަހަރުއެވެ.

ނަމަވެސް ހެމާގެ ބައްޕަ އެ ގުޅުމަކަށް އެއްބަހެއް ނުވިއެވެ. ސަބަބަކީ މީހަކާ އިނދެގެން ހުރި މީހަކާ ދަރިފުޅު ހަވާލުކުރަން ބޭނުން ނުވުމެވެ. ހެމާގެ ބައްޕަ މަރުވުމުން އާއިލާ އާ ދެކޮޅަށް ދީން ބަދަލުކޮށް ދަރުމެންދުރަ އާއި ހެމާ ކައިވެނި ކުރިއެވެ. މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހެމާ ބުނީ ދަރުމެންދުރަ އަކީ ވަރަށް ރަނގަޅު އިންސާނެއް ކަމަށާއި އޭރު މަސައްކަތް ކުރި ފިލްމުގެ ލަވައެއްގެ ތެރެއިން އޭނާއަށް ލޯބިވެވުނީ އޭނާގެ ލޯބި ނެށުމުގެ ހަރަކާތްތައް ފެނިފައި ކަމަށެވެ. ބަތަލާ ބުނީ މިއަދުވެސް ދަރުމެންދުރަ ދެކެ އިންތިހާ އަށް ލޯބިވާ ކަމަށާއި އުމުރުން ދުވަސްވުމުންވެސް އޭނާ ދެކެވާ ލޯތްބަކަށް ބަދަލެއް ނާންނަކަމަށެވެ. ދެމީހުން ކައިވެނިކުރުމުގެ ކުރިން ފަސް އަހަރުވަންދެން ދެމީހުން ވަނީ އެކުގައި އުޅެފައެވެ. އަދި ދެމީހުންގެ ކައިވެންޏަށް ދެ ދަރިން ލިބުނުއިރު އަހާނާ ޑިއޯލް އާއި އީޝާ ޑިއޯލް އަކީވެސް ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ދެތަރިންނެވެ.

ދަރުމެންދުރަ އާއި ހެމާ މާލިނީ---

"އޭރު އަހަރެން ހުރީ ޝޫޓިން އަކަށް ނާޝިކް ގައި. ދަރުމެންދުރަ ހުރީ ބެންގަލޫރުގައި ޝޫޓިން އަކަށް ގޮސް. ޝޫޓިންގެ މެދެއްހާ ހިސާބުން ދަރުމެންދުރަ އެމީހުންނަށް ގެއްލުނު. ޖެހިގެން އައި ދުވަހު އޭނާ ހުރީ އަހަރެންގެ ގާތުގައި. ބުނީ އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް،"

އެކްޓަރު ދަރުމެންދުރަ ބުނީ ހެމާ އަކީ އޭނާގެ ރާނީ ކަމަށާއި ހަމަ ހަގީގަތަށްވެސް އޭނާގެ "ޑްރީމް ގާލް" ކަމަށެވެ. ދެމީހުންގެ ކައިވެންޏަށް 43 އަހަރުވެގެން ދިޔައިރުވެސް ދެމީހުން ތިބީ ހަމަ އެންމެ ފުރަތަމަ ދުވަސް ފަދައިންނެވެ. ލޯތްބާއި އަޅާލުމާއެކު އެ ގުޅުން ކުރިއަށް ގެންދާއިރު ދަރުމެންދުރަ އާއި ހެމާގެ ލޯބީގެ ވާހަކައަކީ އަބަދުވެސް މަޝްހޫރު ވާހަކައެވެ.