މިއަދު ހައިކޯޓަށް ވަޑައިގެންނެވި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އެތަނުން ނިކުންނަވަން ދެކޮޅު ހައްދަވާތީ އެބޭފުޅުން ނެރެން އެސްއޯ ފުލުހުން ހައިކޯޓަށް ވަދެއްޖެއެވެ.

އިދިކޮޅުން ހައިކޯޓަށް ގޮސްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ހުއްޓިފައި އޮތުމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެވޭ ފުރުސަތު ވަނީ ހަނިވެފައެވެ.

އެއާއެކު އެ މައްސަލައިގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ކަމަށް ބުނެ އިދިކޮޅު ލީޑަރުން މިއަދު ހެނދުނު ހައިކޯޓަށް ދިޔަ ގޮތަށް އެތަނުން ނިކުމެފައެއް ނުވެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ހައިކޯޓުގެ ރަސްމީ ގަޑި ނިމުނު އިރުވެސް އިދިކޮޅު ފަރާތްތަކުން އެ އިމާރާތުން ނުކުތުމަށް ދެކޮޅު ހެދުމާ ގުޅިގެން ހައިކޯޓުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށާއި އެހެންކަމުން ހައިކޯޓުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އިދިކޮޅު ލީޑަރުން މިއަދު ހައިކޯޓުގައި ހަރަކާތްތެރި ވަނީ

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެސްއޯ ފުލުހުންގެ ފައުޖެއް ހައިކޯޓު ބޭރުގައި މަޑުކޮށްގެން ތިބިއިރި އިދިކޮޅު ލީޑަރުންނާ އިތުރު ފުލުހުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރި ވަމުންނެވެ.

މިއަދު މެންދުރު ހައިކޯޓު ސަަރަހައްދުގައި ތިބެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އި ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެބޭފުޅުންނަށް ބައްދަލު ކުރައްވަން އިންކާރު ކުރައްވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ޗުއްޓީއާ ބެހޭ މައުލޫމާތު ހާމަކުރަން ވެސް ދެކޮޅު ހަދާފައިވާ ކަމަށާއި އެބޭފުޅުންނާ ބައްދަލު ކުރީ ކޯޓުގެ މީޑިއާ އޮފިޝަލް އެކަނި ކަމަށެވެ. އަދި އެބޭފުޅާ ދެއްވަނީ އަބަދުވެސް ދެއްވާ ސްޓޭންޑާޑް ޖަވާބު ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުގެ އިސްވެރިން ހައިކޯޓަށް މިއަދު ހެނދުނު ވަޑައިގެންފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)، ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާނެވެ. މީގެ އިތުރުންވެސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.