ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކެޓްރީނާ ކެއިފްގެ 40 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.
ބަތަލާ އޭނާގެ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް އާއެކު މާލެ އައީ މިފަހަރުވެސް އޭނާގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އިންޑިއާގެ ޕަޕަރާޒީންގެ ލޯތަކަށް ފިލަން މިފަހަރު ވެސް ރާއްޖެ އައިސް އުފަންދުވަސް ފާހަގަކޮށްލެވުމުން ބަތަލާ ހުރީ ވަރަށް އުފަލުންނެވެ. ވިކީ އޭނާގެ އަންހެނުންނަށް އުފަންދުވަހުގެ ތަހުނިޔާ ކީ ރާއްޖޭގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއަކާއެކުގައެވެ. ދެތަރިން ރާއްޖެ އައި ނަމަވެސް އެމީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގިނަ ފަންނާނުންނެއް ކެޓްރީނާ އަށް އޭނާގެ އުފަންދުވަހުގެ ތަހުނިޔާ ކީއިރު ބަތަލާ ވަނީ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގައި އޭނާގެ އުފަންދުވަސް ފާހަގަކުރުމަށްފަހު ދެމަފިރިން އެނބުރި މުމްބާއީ އަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. ކެޓްރީނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރަން ވެސް އައީ ރާއްޖެއަށެވެ. އެފަހަރު އޭނާގެ އާއިލާގެ ގިނަ މެންބަރުން އައެވެ. އެފަހަރު ބަތަލާގެ އުފަންދުވަސް ފާހަގަކުރީ ސޮނެވާފުށީގައެވެ. ބަތަލާ ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. ކެޓްރީނާ ފާހަގަކޮށްލެވެނީ ރާއްޖެ އާއި ވަރަށް ރަހުމަތްތެރި ބަތަލާއެއްގެ ގޮތުގައެވެ.
މިވަގުތު ކެޓްރީނާ މަސައްކަތް ކުރަމުން އަންނަނީ "ޓައިގާ 3" ގައެވެ. އެ ފިލްމު އަންނަ ނޮވެމްބަރު މަހު ތިއޭޓާ ތަކުގައި އަޅުވާއިރު މި ފިލްމުގައި ކެޓްރީނާ އާއެކު ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ސަލްމާން ހާންއެވެ.