އއ. ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން 24.54 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަަމަށް އެމްޓީސީސީއިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
- 43,200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުން
- 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުން
ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ހިމަންދޫއަށް ކުރިމަތިވެފައިވާއިރު އަމިއްލަ ފަރާތެއްގެ ފައިބާ ފެކްޓަރީއެއް ހުންނަ ސަރަހައްދުގެ 80 ޕަސެންޓް މިހާރު ވެސް ވަނީ ގިރައިގެން ގޮސްފައިވާ ކަމަށާއި ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރެވުމަކީ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ރަށްގިރުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީއިން އިތުރަށް ބުނީ ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ގެސްޓް ހައުސް އިމާރާތް ކުރަމުން އަންނަ ގޮނޑުދޮށުގެ 6 ބިން ހިމާޔަތް ކުރެވިގެންދާނެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.