އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރަށް ވަދެ ކައުންސިލް މެންބަރުންނަށް ހަމަލާދިނުން ބަލައި ނުގަނެވޭ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި ރޭ އިދިކޮޅުން ވަނީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ކައިރިއަށް ގޮސް މުޒާހަރާކޮށް އެ ސެންޓަރަށް ވަދެފައެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ވަނީ އެ ސެންޓަރު ކައިރިއަށް ގޮސް އެތަނަށް ވަދެ "ވަގަށް" ގޮވާ، "ޗޯރު އިބުރޭ" އަށް ވެސް ގޮވާފައެވެ.
އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވާތަން ވީޑިއޯއިން ފެނެއެވެ.
އެކަމާ ގުޅިގެން ރަފިއްޔާ ވިދާޅުވީ ރޭ ޕީޕީއެމް މުޒާހަރާގެ ބައިވެރިން އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ކުރިމައްޗަށް ގޮސް ފެން ޖަހާ އެ ޕާޓީގެ ކައުންސިލްގެ 2 މެންބަރަކަށް ހަމަލާދީފައި ވާ ކަމަށައި އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ ކަންކަން ހިންގަނީ ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދަން ބައެއް ވެރިން ކުރާ ކަންކަމުން ހިތްވަރު ލިބިގެން ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް މިދިޔަ ބުދަ ދުވަހު ހައި ކޯޓުގައި ވަނީ ފަށާފައެވެ. އަދި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ.
މި މައްސަލަތައް މިހެން އޮތް ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމުގައެވެ. އެހެން ނަމަވެސް ރައީސް ޔާމީންއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.