މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތް ކުރަމުން އަންނަ ފުލެޓްތައް ކުރިއަށް އޮތް އޮގަސްޓް މަހު ނިންމާ، މުއްޒަފުންނަށް ދިރިއުޅެން ފެށޭނެ ކަަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޕީއެލް ސްޓާފް ނައިޓް ފާހަގަ ކުރުމަށް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު އިތުރަށް ވިދާޅުވީ ފްލެޓްތަކުގައި މުވައްޒަފުން ދިރިއުޅެން ފަށާ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުލި ނުނަގާނެ ކަމަށެވެ.

އެމްޕީއެލް ފްލެޓް ތަކަށް މީގެ ކުރިން ހަމަޖެހިފައި އޮތީ އެއްފަހަރާ ފައިސާ ދައްކާ އުސޫލު ނަމަވެސް 20 އަހަރަށް ބަހާލައިގެން ފްލެޓަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް މީގެ ކުރިން ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް އެމްޕީއެލް އިން ވަނީ ހާއްސަ ފައިނޭންޝަލް ސްކީމެއްވެސް ތައާރަފްކޮށްފައެވެ.

އަޅުގަނޑުމެން މި ބަލަނީ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަސް ނިންމާލާފައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރަން، އެއީ ކަބަޑް ސެޓް ޖެހުމާއި އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް. ދެން ހުރިހާ މަސައްކަތް އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރުން ބުނަނީ، އެހެންވީމަ އޮގަސްޓް މަހަށް ފަހު މުވައްޒަފުންނަށް އެ ފްލެޓްތަކުގައި އިރާދަ ކުރެއްވިއްޔާ ދިރިއުޅެން ފެށޭނެ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލް މުވައްޒަފުންނަށް ހާއްސަކޮށް އިމާރާތް ކުރަމުންދާ ފްލެޓްތައް

މީގެ އިތުރުންވެސް ފްލެޓްތަކުގެ މެއިންޓެނަންސް ފީ ކުޑަކޮށްދީ އަދި ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި ހަމަޖައްސާދީފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެމްޕީއެލް އިމާރާތް ކުރާ ތިން ޓަވަރުގައި 534 ފްލެޓް ހިމެނޭއިރު އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ.

މި ފްލެޓް ތަކަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ބޯހިޔާ ވަހި ކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓް ތަކެކެވެ.