ރާއްޖޭގެ މުސްތަގުބަލު އުޖާލާ ކަމަށާއި، ތައުލީމީ ޒުވާން ޖީލަކަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަކުރާރު ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން މ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ މަޑުއްވަރީ އަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޑުއްވަރީގެ ބަނދަރުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށާއި، އެ ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިމި އަންނަ މަހު ހިދުމަތް ދެވެން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން އިސްކަންދޭ ބީދައިން، ރަނގަޅު ހޭލުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ:

  • 1،578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ހުޅުވުނު ކަމަށް
  • ހިލޭ ޑިގްރީގެ ދަށުން 17،858 ދަރިވަރުން ކިޔަވަމުންދާ ކަމަށް
  • 3،000 އަށް ވުރެ ގިނަ ދަރިވަރުން ލޯނުގެ ދަށުން ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ކަމަށް
  • ސްކޯލާޝިޕްގެ ދަށުން 1،265 ދަރިވަރުން ބޭރުގައި ކިޔަވާ ކަމަށް
  • ތަމްރީނުތައް ދީގެން 5،600 ކުދިންނާއި މީހުން މަސައްކަތަށާއި ވަޒީފާ އަށް ނެރެވިއްޖެ ކަމަށް

"ދިވެހިރާއްޖޭގެ މުސްތަގުބަލު ވަރަށް އުޖާލާ، ވަރަށް އުންމީދީ ކުދިންކޮޅެއް މި އަންނަނީ، އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެ ކުދިން އައިސް މި ގައުމު މުޅިން އެހެން މަރުހަލާއަކަށް ގެންދިއުން،" ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، "އުފާވެރި އަމާން ރާއްޖެ" އެއް ގެނެވޭނީ ޒުވާނުންނަށް ފުރުސަތު ދީގެން ކަމަށާއި، ޒުވާނުންނަށް ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ އިސްކަން ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

އެއާއެކު ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި މަޑުއްވަރީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށާއި، އެ ރަށުގެ ކުނީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.