ކުޑަ އާބާދީއެއް އޮތް މ. ރަތްމަންދޫގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ސެޓެލައިޓް ސްކޫލްގެ ހިދުމަތް ފެށުމަކީ ރަށުގައި އާއިލާއާއެކު ދަރިވަރުން ތިބެގެން ތައުލީމް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މ އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މ. ރަތްމަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހައްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

2022 ގައި ހެދި ބޯހިމެނުމަށް ބަލާއިރު 118 މީހުންގެ ކުޑަ އާބާދީއެއް އޮތް ރަތްމަންދޫގައި ހުނން ސްކޫލްގައި ކިޔަވަމުން ދަނީ 14 ދަރިވަރުންނެވެ. އެ ސްކޫލްގައި މިހާރު ކިޔަވައިދެމުން އަންނަނީ ގްރޭޑް 6 އާ ހަމައަށް ވާއިރު، އެ ދަރިވަރުން ސްކޫލް ނިމެނެް ދެން ރަށުގައި ތިބެގެން ކިޔަވައި ނިންމާލުމަކީ އެރަށުގެ ރައްޔިތުން ބޭނުންވާނެ ގޮތް ކަމުގައި ވާ ނަމަ އެކަން ހާސިލް ކޮށް ދިނުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަސް ރައީސް ވިދާޅުވިއެވެ.

އެ ގޮތުން އެއީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތް ކަމުގައި ވާނަމަ ސެޓެލައިޓް ސްކޫލްގެ ހިދުމަތާއެކު ގްރޭޑް 10 ނިމެން ދެން ރަށުގައި ތިބެގެން ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ވާހަކަ ދައްކައިގެން ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަ އާބާދީއެއް އޮތް ރަށާކީ ރިޔާސީ ރޭހުގައި ނިކުމެ އުޅޭ ބަޔަކަށްމާ މުހިއްމު ރަށަކަކށް ނުވެ ދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަމާޒަކީ މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން މީގެ ކުރިން ފެނާއި ނަރުދަމާ ފަދަ މަޗްރުއުތައް ހިންގަފައި ނުވާ އެ ރަށަށް މި ސަރުކާތުން ގެނެސްދިން ތަރައްގީ ހިއްސާ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެރަށުގެ އާ އިންޖީނުގެ ނިމިފައިވާ އިރު، ފެނާއި ނަރުދަމާގެ މަސައްކަތާއި ކައުންސިލް އޮފީސް އިމާރާތުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ ކަމަށެވެ. އަދި ބަނދަރުގެ ޖެޓީ ސަރަހައްދު ތަރައްގީ ކޮށްފައިވާ އިރު، އިތުރަށް ބަނދަރު ތަރައްގީ ކުރުމާއެކުގައި އެ ރަށުގެ ގިރާ ސަަރަހައްދުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭ ވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ ގައިން ތާހިރުވެ ހުރެހެން. އަޅުގަނޑުމެން ފެށީ އެހިސާބުން. ކުދި އާބާދީތަކުގައި މީގެ ކުރިން މިއިން އެއްވެސް ކަމެއް ކޮށްފައެއް ނުވޭ. މިއީ ރިޔާސީ ރޭހަށް ނިކުމެ އުޅޭ ބަޔަކަށް މާ މުހިއްމު ރަށަކަށް ނުވެދާނެ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މީގެ އިތުރުން އެ ރަށަކީ ވޮލީ ކުޅޭ ޒުވާނުން އޮތް ރަށަކަށް ވުމުން ކުރިއަށް އޮތް އަހަރު އެ ރަށުގައި ޒަމާނީ ވޮލީ ކޯޓެއް އަޅައި ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގެ ކުދި ބޮޑު ހުރިހާ އާބާދީއަކަށް ތަރައްގީ ގެނައުމުގެ އަމާޒުގައި ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މުޅި ރާއްޖެ އާރްޓީއެލްގެ ހިދުމަތުން ގުޅާލުމަށް ކުރަމުންދާ މަސައްކަތުން ރަތްމަންދޫއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހިދުމަތް އެ ސަރަހައްދުގައި ތައާރަފްވުމުން ރަތްމަންދޫ ރައްޔިތުން މިހާރު އުފުލަމުންދާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ކައިރީ ރަށްރަށަށް އެ ރަށުން ނުލިބޭ ހިދުމަތްތައް ހޯދަން ދިއުމުގައި ދިމާވަމުންދާ ދަތިތަކަށް ނިމުމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެ ރަށަކީ ކުޑަ އަބާދީއެއް އޮތް ރަށެއް ކަމުގައި ވިޔަސް އެ ރަށް ބާކީ ކޮށް ނުލައި ތަރައްގީ ގެނެސްދިނުމަށް ކުރި މަސައްކަތުގެ ނަތީޖާއިން މުޅި މ. އަތޮޅާއި ރަތްމަންދޫ ވެސް ހިމެނޭ ހެން އެމަނިކުފާނަށް ފުރިހަމަ ތާއީދެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޯޓު ދޭ އިރު، ވޭތުވެ ދިޔަ ސަރުކާރުތަކުން ކަންކަން ކޮށްފައިވާ ގޮތަށް ބަލައި ވިސްނާލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.