ދެނުކު ކޮރެއާ އަށް ކުރަމުން ދާ ބޯ ވިއްސާރައިގައި ފެންބޮޑުވެ ފެންގަނޑު ޓަނަލެއްގެ ތެރެއަށް ވަންލެއް ބާރުކަމުން ތާށިވި 15 ވެހިކަލަކުން މަރުވެފައި ތިބި 7 މީހެއްގެ ހަށިގަނދު ފެނިއްޖެެއެވެ.

އެ 15 ވެހިކަލްގައި ތިބީ ކިތައް މީހުންކަމެއް އަދި ސާފު ނުވަ އިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނެފައި ވަނީ، ފެންގަނޑު ބޮޑު ކަމުން ވެހިކަލްތަކާ ހަމައަށް ދިޔުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައި ވާ ކަމަށެވެ.

މި ވިއްސާރައިގައި ޑޭމްތައް [ކޯރުތައް] ފުރި ބަންޑުން ވެފައި ވާ އިރު، ބިންގަނޑު ކަނޑައިގެން ދިޔުމާއި އުސް ސަރަހައްދުތަކުން ތިރި ސަރަހައްދުތަކަށް ފެންގަނޑު ފައިބާލެއް ބާރުކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ، 2247 ފޫޓު ދިގު ޓަނަލްގައި 15 ވެހިކަލެއް ތާށިވެފައި ވާ ކަމަށާއި ފެންގަނޑު އޮތީ ވެހިކަލްތަކުގެ މައްޗާ ހަމައަށް އަރާފައި ކަމަށެވެ.

މި ޓަނަލްގައި ފެންބޮޑުވީ ކައިރީގައި އޮންނަ މިހޯ ކޯރު ފުރި ބަންޑުންވުމުން އޮފިގެން އައި ފެނުންނެވެ.

މިހާތަނަށް 9 މީހަކު ސަލާމަތް ކުރެވިފައި ވާ އިރު އެމީހުން ތިބީ ޓަނަލުގެ އަރިމަތީގައި އަޅާފައި އޮތް ރެއިލިންއެއްގައި ހިފަހައްޓައިގެން ކަމަށް ވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ބަހަކާއި 14 ކާރެއް ފެނު އަޑީގައި އޮތް އިރު 11 މީހަކު އަދި ނުފެންނަ ކަމަށް ވެސް ބުނެއެވެ.

މި ހިނގާ ޖުލައި 9 އިން ފެށިގެން ވެހެމުން ދާ ބޯ ވާރެގައި އެކި ސަރަހައްދުތަކުން މިހާތަނަށް 26 މީހަކު ވަނީ މަރުވެފައެވެ.

4200 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައި ވާ އިރު ފެންބޮޑުވި ސަރަހައްދުތަކަށް ދަތުރުކުރާ ފްލައިޓްތައް ވެސް ވަނީ ކެންސަލް ވެފައެވެ. އަދި 200 އެތައް މަގެއް ވަނީ ބަންދުކޮށްފައެވެ.