މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މިއަދު ހެނދުނު ވެލާނާ އެއާޕޯޓުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ރަޝިއާ ފަތުރުވެރިއެކެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ކުޑަ ފިރިހެން ދަރިފުޅާއެކުއެވެ..

މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި އެއް މިލިއަން ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަށް ބޭއްވި ހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން، އިމިގްރޭޝަނާއި އެމްއޭސީއެލްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.

މިއަދު އެއް މިލިއަން ފަތުރުވެރިން ހަމަވެފައިވާ އިރު، މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެއަސް އައިސްފައި ވަނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. މިދިޔަ އަހަރަށް ވުރެއް މަހެއްހާ ދުވަސް ކުރިން އެއް މިލިއަން ހަމަވުމަކީ މިއަހަރު ރާއްޖެއަށް އަންނަ ފަތަުރުވެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

މި އަހަރު ފެށުނު އިރު ޓޫރިޒަމް އަމާޒުގެ ގޮތުގައި ބުނެފައި ވަނީ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް ޓޫރިޒަމް ރަނގަޅުވަމުން އަންނާތީ އެ އަމާޒު ވަނީ 1.93 މިލިއަނަށް އިތުރުކޮށްފައެވެ. މިހާރު އެއް މިލިއަން ފަތުރުވެރިން ހަމަވެފައިވާ އިރު ބާކީ 5 މަސް ދުވަހުގެ ތެރޭގައި އަމާޒާ ހަމައަށް ވާސިލް ވެވޭނީ 9 ލައްކަ ފަތުރުވެރިން އައުމުންނެވެ.

އަހަރު ފަހު ކޮޅު ފަތުރުވެރިން އެންމެ ގިނައިން އަންނަ މޫސުމާ އެކު އެ އަދަދު ހަމަ ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްތަރު އަބްދުﷲ މައުސޫމް ވިދާޅުވިއެވެ. އެގޮތުން އޮގަސްޓްގެ ފަހުން ޓޫރިސްޓުން އަންނަ އަދަދު އިތުރުވާން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.