މި އަހަރު މ. ގެ ވެރިރަށް މުލީގައި އެ އަތޮޅުގެ އެއާޕޯޓު ގާއިމްކޮށް ނިމުމުން، މުއްޔާއި ނާލާފުށި ގުޅާލާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ރައީސް ކެމްޕެއިނަށް ނާލާފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 384 މީހުންގެ ކުޑަ އާބާދީ އެއް އޮންނަ އެ ރަށަށް ތަރައްގީގެ މަޝްރޫއެއް އަންނާނީ، ކުރީ ސަރުކާރުތަކުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިނގަމުންދާ ނަމަ، 15 ނުވަތަ 20 އަހަރު ފަހުން ކަމަށެވެ.

މި ސިޔާސަތު ބަދަލުކުރީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަމާޒަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ނާލާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫއު ބަޔަކާ ހަވާލުކޮށް ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ނާލާފުށި ހިމެނޭހެން 141 ރަށެއްގައި ފަށާފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުތައް މި އަހަރު ނިމުމުގެ ކުރިން ނިންމާލުން ކަމަށެވެ.

އެ ރަށުގެ އާ އިންޖީނުގޭގެ މަޝްރޫއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ނާލާފުށި ހިމެނޭހެން 150 ރަށެއްގެ އިންޖީނު ބަދަލުކުރެވި، ކަރަންޓު ވިއުގަ ބަދަލުކުރެވި ނިމެމުންދާ ކަމަށެވެ. އެ މަޝްރޫއުތައް ރާވާފައި ވަނީ ދުރު މުސްތަގުބަލަކަށް ވިސްނާފައި ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް 50 އަކަށް އަހަރުގެ ތެރޭގައި އިންޖީނުގެތަކަށް އެއްވެސް ބަދަލެއް ނުގެނެސް އެ ތަންތަން ހިންގޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ނަންފުޅު ނުގެންނެވި ކަމުގައިވީ ނަމަވެސް، ރައީސް ވަނީ ޔާމީނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.

"އަބަދު ވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ބާއްވާ އިންތިހާބު، އެހެންވީމާ އަމާޒު ހިފަނީ ވޯޓު ލިބޭ ތަންތަނަށް އެކަނި، ގިނައިން ވޯޓުހުރި ތަންތަނަށް އެކަނި، މިރަށުގައި މި އުޅޭ 384 މީހުންނަކީ ސިޔާސީ މީހުން ދެކޭ ގޮތުގައި މާ މުހިންމު ބައެއް ނޫން ވޯޓަކަށް ބަލާއިރު،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ބޮޑެތި އާބާދީ ހުރި ތަންތަނަށް އަމާޒުކޮށްގެން މިފަދަ މަޝްރޫއުތައް ހިންގާތީ މިފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް މި އޮތީ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެއަށްފަހު ރައީސް ވަނީ ނާލާފުށްޓަށް ވެވަޑައިގެންފައިވާ ބައެއް ވައުދުތަކުގެ ކުރު ތަފްސީލެއް ދެއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ނާލާފުށީގެ ބަނދަރުގެ ޖާގަ ބޮޑުކޮށް ތަރައްގީކުރުން
  • އެއާޕޯޓު ނިމުމުން ދެ ރަށް އެއްކޮށް ގުޅާލުން
  • ބިން އިތުރުކުރަން ޖެހޭ ނަމަ، ބިން އިތުރުކޮށް ފްލެޓާއި ރޯ ހައުސް ދޫކުރުން

ވާހަކަފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ވަނީ ނާލާފުށީގައި ގާއިމްކުރި އާ އިންޖީނުގެ އާއި ފެނަކައިގެ އޮފީސް ހުޅުވައިދެއްވާފައެވެ.

ވ. އަތޮޅާއި މ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިހާރު ހުންނެވީ މުލީގައެވެ. މުއްޔަށް ފަހު މިއަދުގެ ފަހު މަންޒިލްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަންނަވާނީ މުލަކަށެވެ.