މި ސަރުކާރު ބަލިކުރަން ހިތްވަރާއި ސާބިތުކަން ދައްކާ، ސަރުކާރު ދެކެ ބިރު ނުގަންނަކަން ދައްކަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކާ މިހާރަށް ވުރެ އިތުރު ގިއަރަކަށް މަސައްކަތް ޖައްސާލަން ޖެހޭ ކަމަށާއި 'މިކަހަލަ އަނިޔާވެރި ސަރުކާރެއް' ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އެގޮތުން މި ސަރުކާރު ބަލިކުރަން ހިތްވަރާއި ސާބިތުކަން ދައްކަންޖެހޭ ކަމަށާއި އަދި ސަރުކާރު ދެކެ ބިރުނުގަންނަކަން ވެސް ދައްކަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވަނީ ފަނޑިޔާރުން ވެސް ސަރުކާރުގެ މަގްސަދު ހާސިލް ކޮށްދޭ ބަޔަކަށް ނުވުމަށް ގޮވާލައްވާފައެވެ.

އަދުރޭ އިތުރަށް ވިދަޅުވީ، ގައުމު ދަނީ ހިޔާލު ވެސް ކޮށްނުލެވޭ ފަދަ ނުރައްކާތެރި ދިމާއަކަށް ކަމަށާއި އެއީ އެނގި ތިބެ، ގަސްތުގައި ރާވައިގެން ކުރާ ކަމެއް ކަމަށް ކަމަށެވެ. އެކަމާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، މާދަމާ ދިވެހިންގެ މައްޗަށް ވެރިކަން ކުރާނީ އިންޑިއާ އިން ކަމަށެވެ.

"ޕީޕީއެމް އަކުން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަކަށް ނާރާނެ، ޕީޕީއެމް ނުކުންނާނީ ރައީސް ޔާމީން އާ އެކީ، ވެރިކަން ހޯދަން ނުކުންނާނީ، މާޔޫސް ނުވާށޭ"
އަބްދުއްރަހީމް

އަދުރޭ ވަނީ މެންބަރުން މާޔޫސް ނުވެ އެމީހަކު ހުރި ތަނަކުން ހުރި އަތޮޅަކުން ރައީސް ޔާމީން ގެ ކެމްޕެއިން މެކްހަށް ޖެހުމަށް ވެސް ގޮވާލައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.

އޭގެ މަސްތަކެއް ފަހުން އެ މައްސަލައިގައި ހިމެނޭ ޖޫރިމަނާ ފައިސާ (52.6 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.