ރަޝިއާއިން ޔޫކްރައިނަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާރުގެ އަމާޒަކީ ހުޅަނގުން ދީފައި ހުރި ޓޭންކްތަކާއި ހަތިޔާރު ކަމަށް ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިން ވިދާޅުވެއްޖެވެ.
އޭނާ ވިދާޅުވީ، ހުޅަނގުން ޔޫކްރައިން އަށް ހަތިޔާރު ދެމުން ގެންދާހާ ދުވަހަކު ހަނގުރާމަ ދާނީ ކުރިއަށް ކަމަށާއި ކިތަންމެ ހަތިޔާރެއް ފޯރުކޮށްދިނަސް ރަޝިއާގެ އަމާޒު ކަސިޔާރު ނުވާނެ ކަމަށެވެ. އަދި ނޭޓޯއަށް ޔޫކްރައިން އަށް ނޭޓޯގެ މެންބަރުކަން ދިނުމަކީ ރަޝިއާއަށް ނުރައްކާ އޮތް ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މަސްރަހު އިތުރަށް ނުތަނަވަސް ވާނެ ކަމަށެވެ.
މިމޭރުމުން ޕުޓިން ވާހަކަ ދައްކަވާފައި ވާ އިރު، އެމެރިކާއިން ދޭ ގެންލުން ބޮޑު ކްލަސްޓާ ބޮމުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޔޫކްރައިން އަށް ގެންގޮސްފައެވެ. ކްލަސްޓާ ބޮމަކީ ބޮޑު އެއް ބޮމުގެ ތެރޭގައި ބައިވަރު ކުދި ބޮންތަކެއް ހިމެނޭ ބޮމަކަށް ވާ އިރު އެ ބޮން ވައްޓާލާ ސަރަހައްދުތަކުގައި އާދައިގެ ބޮޑު ފްޓްބޯޅަ ދަނދެއްހާތަން އެއްފަހަރުން ސުންނާފަތި ވެގެން ދެއެވެ. އަދި އެ ބޮމުގެ ތެރޭގައި ހުންނަ ކުދި ބޮންތަކުގެ ތެރެއިން ބައެއް ބޮން ނުގޮތާ އެތައް ޒަމާނަކަށް ހުންނަ އިރު އެއީ، އޭގެ ނުރައްކާ ފަހުން އާންމުނަށް ކޮށްފާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެމެރިކާއިން ދޭ ކްލަސްޓާ ބޮމުގެ އިތުރުން، އިނގިރޭސީން ވަނީ ދުރުރާސްތާ މިސައިލް ފޯރުކޮށްދީފައެވެ. ޔޫކްރައިން އިން އެ މިސައިލް ބޭނުން ކުރަމުން ދާއިރު، ފްރާންސުން މިހާރު ވަނީ އެގައުމުގެ އުފެއްދުމެއް ކަމަށްވާ 250 ކިލޯމީޓަރަށް ދަތުރު ކުރާ ކްރޫޒް މިސައިލްވެސް ދޭން ބުނެފައެވެ.
ޕުޓިން ވިދާޅުވީ، އެއީ ގެއްލުން ބޮޑު މިސައިލެއް ނަމަވެސް އޭގެ ސަބަބުން ހަނގުރާމައިގެ މައިދާނަށް މާ ހައްސާސް ނުރައްކަލެއް ނުދެވޭނެ ކަމަށެވެ.
ރަޝިއާގެ މައިގަނޑު އަމާޒަކީ ހުޅަނގުގެ ޓޭންކްތައް ކަމަށް ޕުޓިން ވިދާޅުވާ އިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، ހަނގުރާމައިގައި ރަޝިއާ ބަލިވެއްޖެ ކަމަށާއި ލަހުން އަދި މަޑުމަޑުން ކުރިއަރާ ޔޫކްރައިންގެ ރައްދު ހަމަލާއާ އެކު މަޝްވަރާގެ މޭޒަށް ރަޝިއާ އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ، ނޭޓޯގެ މެންބަރުކަން ޔޫކްރައިން އަށް ލިބޭނެ ކަމަށާއި އަދި އެކަން ވާނީ ހަނގުރާމަ ނިންމާލާފައި ކަމަށެވެ.
ރަޝިއާ އާއި ޔޫކްރައިން ކުރަމުން ދާ ހަނގުރާމައަށް ހުޅަނގުން، ހާއްސަކޮށް ނޭޓޯގެ ގައުމުތަކުން ވަދެފައި ވާ އިރު، ހުޅަނގުން ދޭ އެފް 16 ގެ ބޮން އަޅާ ބޯޓުތަކުގެ މައްސަލަގައިވެސް ރަޝިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރަޝިއާގެ ހާރިޖީ ވަޒީރު ސްރްގޭ ލަވްރޯވް ވިދާޅުވީ އެފް 16 މަރުކާގެ ބޮންއަޅާ ބޯޓުގައި އެޓޮމިކް ބޮން އުފުލޭތީ އެއީ ނިއުކްލިއާ ބިރެއް ކަމަށް ރަޝިއާއިން މިން ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ ބޯޓުތަކުގައި އެޓޮމިކް ބޮން ބޭނުން ނުކުރާނެ ކަމަށް ކިތަންވެ ވަރަކަށް ހުޅަނގުން ބުނި ނަމަވެސް އެކަން ރަޝިއާއިން ގަބޫލު ނުކުރާނެ ކަމަށާއި އެ ބޯޓުތައް މިން ކުރާނީ ނިއުކްލިއާ ބިރެއްގެ ގޮތުގައި ކަމަށެވެ.
މި މައުޟޫގައި ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ޑިމިޓްރީ މެޑްވެޑޭވް ވަނީ ޔޫކްޔައިން އަށް ނޭޓޯގެ މެންބަރުކަން ދިނުމަކީ ތިންވަނަ ބޮޑުހަނޑުރާމަ އާ ގާތަށް ޖެހުން ކަމަށް ސިފަ ކުރައްވާފައެވެ.