ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 8 އެމްބިއުލާންސް، ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާ ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ހއ. ހޯރަފުށި ހެލްތު ސެންޓަރ، ހއ. ކެލާ ހެލްތު ސެންޓަާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލް، މިއިން ކޮންމެ ރަށަކަށް 1 އެމްބިއުލާންސް އަދި ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސާވިސަސް އަށް 2 އެމްބިއުލާންސް ހަވާލުކޮށްފައި ވާ ކަމަށެވެ.

މިއަދު ހަވާލު ކުރި އެމްބިއުލާންސް ތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރި އެމްބިއުލާންސްތަކެއް ކަމަށެވެ.

މި އެމްބިއުލާންސްތަކަކީ، 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރި އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ތަކެއުޗި މިދޯރީ ކަމަށާއި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ކަމަށެވެ. އަދި ހެލްތު ފެސިލިޓީ ތަކުން އެމްބިއުލާންސްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރު ކަމަށް މިނިސްޓްރީން ބުނެއެވެ.