މުސްހަފް އެންދުމާ ގުޅިގެން އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ޤުރުއާނުގެ މުސްހަފް އެންދުމުގެ ހާދިސާތަކާ ގުޅިގެން އެކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މައި މަރުކަޒުގައި މި މަހުގެ 2 ވަނަ ދުވަހު އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އެ ބައްދަލުވުމުގެ އޯއައިސީ ގެ މެމްބަރު ގައުމުތަކުން ވަނީ އެ މައްސަލަ ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިހާރު ހިނގަމުންދާ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމަށް ގަރާރެއް ހުށަހަޅައި އެކަމާ މެދު ކުއްލި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހުށަހެޅުމަށް އެއްބަސްވެފައިވެއެވެ.
އޯއައިސީ ގެ އެދުމުގެ މަތިން އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ވަނީ ކީރިތި ޤުރުއާނުގެ މުސްހަފު އެންދުމުގެ ހާދިސާތަކާ ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި އިއްޔެ އެ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ކުއްލި ބަހުސްއެއް ބާއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެ ބަހުސްގައި ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު ބައިވެރިވަޑައިގަންނެވިއިރު އޭނާގެ ވާހަހައިގައި ކީރިތި ޤުރުއާނުގެ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައިވާލައްވާފައިވެއެވެ.
އެފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމްދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ފާހަގަކުރައްވާ އާސިމް ވަނީ މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް މިފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.
ދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯއައިސީއިން ވަނީ ގަރާރެއް ހުށަހަޅާފައެވެ. އަދި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެމްބަރު ގައުމެއްގެ ތާއީދު ލިބި އެ މަޖިލީހުގެ ބޮޑު އައުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްވެފައެވެ. އަދި ރާއްޖެއިން ވެސް ވޯޓު ދީފައިވަނީ ގަރާރާ އެއްކޮޅަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.