ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއު ނިންމާ ހިދުމަތް ދޭން ފެށި ފަހުން ޖެނުއަރީ 2021 އިން ފެބްރުއަރީ 2022 އަށް 79,856,961 ލީޓަރު ފެން ލީކުވެ ބިލް ނުކުރެވި ގާތްގަނޑަކަށް 4,132,146 ރުފިޔާގެ ގެއްލުން ފެނަކައަށް ވެފައިވާ ކަމަށް އޮޑިޓާ ޖެނެެރަލް އޮފީހުން އާންމު ކުރި ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އިން އާންމު ކުރި ރިޕޯޓުގައި ބުނާ ގޮތުގައި، ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް އެތަން ހިންގަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފަހުން، ހިދުމަތް ފޯރުކޮށްދޭ މަރުހަލާގައި ނިޒާމު ހިންގުމަށްދާ ހަރަދުތައް ފެނަކައިން ރަނގަޅަށް ބަލަހައްޓާފައި ނުވެއެވެ. އެ ނިޒާމުތައް ހިންގާ ބެލެހެއްޓުމަށް ހިނގާ ހަރަދު ދެނެގަނެވިފައި ނުވާ އިރު، އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައި ނުވާ ކަމަށް އޮޑިޓުން ބުނެއެވެ.

އަދި މި ދެ ނިޒާމުގެ ތެރެއިން ހިދުމަތް ދޭފަރާތަށް ހިންގުމުގެ ހަރަދު ފޫބެއްދުމަށް މަންފާ ލިބެނީ ފެނުގެ ހިދުމަތުން ކަމުގައިވާ އިރު މި ހިދުމަތް ބޭނުން ކުރާނެ ކަމަށް ޑިޒައިންގައި އަންދާޒާ ކޮށްފައިވާ ވަރަށް ފެން ބޭނުން ކުރަމުން ނުދިއުމުން ފެނުގެ ނިޒާމުން ފެން އުފެއްދޭނެ ކަމުގައި ބަޔާންކޮށްފައިވާ ކެޕޭސިޓީ އަށް ވުރެ ފެން އުފެއްދޭ މިންވަރު މަދެވެ. އެގޮތުން ކޮންޓްރެކްޓު ކޮށްފައި ވަނީ ފެން ޕްލާންޓުތަކުން ޖުމްލަ 1500 ކިއުބިކް މީޓަރުގެ ފެން ދުވާލަކު އުފެއްދޭނެ ކަމަށް ކަމުގައި ވީނަމަވެސް ޕްލާންޓުން އުފެއްދެނީ 532 ކިއުބިކް މީޓަރުގެ ފެނެވެ.

ފެން ހޮޅިތައް އެޅުމުގައި ހުރި ޑިފެކްޓްސްތަކުގެ ސަބަބުން ޕްލާންޓުން އުފައްދާ ފެނުގެ ބޮޑު އިންސައްތައެއް ބިމަށް ލީކު ވަމުން ދިޔުމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދޭ ފަރާތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބެމުން ދިޔައެވެ. ނަމަވެސް މިކަން ހައްލު ކޮށްފައެއް ނުވެއެވެ. އެގޮތުން ޖެނުއަރީ 2021 އިން ފެބްރުއަރީ 2022 އަށް 79,856,961 ލީޓަރު ފެން ލީކުވެ ބިލް ނުކުރެވި ގާތްގަނޑަކަށް 4,132,146 ރުފިޔާގެ ގެއްލުން ފެނަކައަށް ވެފައިވާ ކަމަށް އޮޑިޓުން ބުނެއެވެ.

ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ މަގްސަދު ހާސިލުވި މިންވަރު ބެލުމަށް ހެދި އޮޑިޓް ރިޕޯޓުގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު ޕްލޭން ކުރުމުގެ މަރުހަލާއާއި ނިޒާމު ފަރުމާކޮށް އަމަލީ މަސައްކަތް ކުރުމުގައި މަޝްރޫއުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތައް ތަންފީޒުވެފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އެގޮތުން އެންވާރަމަންޓް މިނިސްޓްރީ އިން އެޕްރޫވް ކޮށްފައި ނުވާ ފަރާތްތަކަކުން މަޝްރޫއުގެ ބައެއް މަސައްކަތްތައް އިންސްޕެކްޓްކޮށް އެޕްރޫވް ކޮށްފައި ވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މަޝްރޫއަށް އެކުލަވާލައިފައިވާ ޑީޓެއިލްޑް ޑިޒައިން ރިޕޯޓަށް ކޮންޑިޝަނަލް ހުއްދައެއް ދޫކޮށްފައިވާ އިރު، ރިޕޯޓަށް ގެންނަން ޖެހޭ މުހިއްމު އިސްލާހުތަކާއި އިތުރު މައުލޫމާތު ހިމަނަން ޖެހޭކަމަށް ހުއްދައިގައި ބަޔާން ކޮށްފައިވާ ކަންކަން އިސްލާހު ކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓުން ބުނެއެވެ. އެގޮތުން މަޝްރޫއުގެ ޖުމްލަ އަގަށް 20,216,769 ރުފިޔާ އިތުރުވެ މަޝްރޫއު ނިންމަން 6 މަސް އިތުރަށް ހޭދަވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ މަޝްރޫއުގެ އީއައިއޭއާ ހިލާފަށް ބައެއް މަސައްކަތްތައް ކޮށްފައިވާ އިރު، އީއައިއޭގައި ބަޔާން ކޮށްފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ނަޖިސް ބޭރުކުރުމަށް އައުޓްފޯލް ހޮޅި ވަނީ އަޅާފައެވެ. ކަނޑައަޅާފައިވާ ފުން މިނުގައި ހޮޅި އަޅާފައި ނުވުމުން ނަތީޖާއެއްގެ ގޮތުން ތިމާވެށީގެ ގޮތުން މުހިއްމު ކަނޑުގެ ސަރަހައްދަކަށް ނަޖިސް ބޭރުވާ ގޮތަށް ހޮޅި އަޅާފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނަރުދަމާ ނިޒާމުގެ އައުޓްފޯލް ހަލާކުވެ ރަށުގެ ފަރު މައްޗަށް އުރުފައި ވުމުން ރަށުގެ ފަރުމައްޗަށް ނަޖިސް ވަނީ ބޭރުވެފައެވެ. މީގެ އިތުރުން އީއައީއޭގައި ބަޔާން ކޮށްފައިވާ ސަރަހައްދު ނޫން އެއަށްވުރެ ބޮޑު އެހެން ސަރަހައްދެއްގައި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމާއި ވެކިއުމް ސްޓޭޝަން 1 ގާއިމު ކޮށްފައިވާ މައްސަލަ ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި މަޝްރޫއާ ގުޅިގެން އިތުރަށް ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެއްވެސް މުއައްސަސާއަކުން މަޝްރޫއުގެ މަސައްކަތްތައް ކޯޑިނޭޓް ނުކޮށް 4 މަސް ހޭދަވެފައިވާ ކަމަށް ރިޕޯޓްގައި ބުނެއެވެ. އަދި މަޝްރޫއާ ގުޅޭ މުހިއްމު މައުލޫމާތާއި ލިޔެކިއުންތައް ބަލަހައްޓާފައި ނުވާއިރު އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ހަވާލުކުރެވުނު މަޝްރޫއުގެ ލިޔެކިއުންތައް އިނގޭނެ ފަދަ ހޭންޑް އޯވާ ޑޮކިއުމަންޓް ތައްޔާރު ކޮށްފައިވެސް ނުވާ ކަމަށް ރިޕޯތްގައި ބުނެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ އިރު ކަމާ ގުޅޭ ސްޓޭކްހޯލްޑަރުން އެކަށީގެންވާ މިންވަރަށް ބައިވެރިކޮށްފައި ނުވުމަކީ މަޝްރޫއުގައި ދިމާވި މައްސަލަތައް އިތުރުވެގެން ދިޔަ ކަމެއްކަމުގައި އޮޑިޓުން ލަފާ ކޮށްފައި ވެއެވެ.

ފުވައްމުލަކު ނަރުދަމާ ނިޒާމުގެ ސަބަބުން ރަށުތެރެއަށް ނަޖިސް ބޭރުވި ދުވަސްވަރު / ފައިލް ފޮޓޯ: ޓްވިޓާ

ފުވައްމުލަކުގައި ގާއިމު ކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލަތައް ދެނެގަނެ ކޮންޓްރެކްޓަރު ޒިންމާ ކުރުވައި އެ މައްސަލަތައް ހައްލުކުރުމަށް މަޝްރޫއުގެ ތެރެއިން ލިބޭ ފުރުސަތަކީ މަޝްރޫއުގެ ޑިފެކްޓްސް ލައިބިލިޓީ މުއްދަތު ކަމަށް އޮޑިޓުން ބުނެއެވެ. އެ މުއްދަތުގެ ތެރޭގައި މަޝްރޫއުގެ މޮނިޓަރިން އާއި އިވޭލުއޭޝަންގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ހިންގާފައި ނުވާ ކަމަށާއި ޑިފެކްޓްސް ލައިބިލިޓީ މުއްދަތުގެ ތެރެއިން ގާތްގަނޑަކަށް 3 މަސް ދުވަހު މަޝްރޫއު ކޯޑިނޭޓް ކުރާނެ ވަކި އިދާރާއެއް ނެތް ކަމަށާއި އެ މުއްދަތުގެ ތެރޭގައި މަޝްރޫއުގެ އޮޕަރޭޓާގެ ހައިސިއްޔަތުން ފެނަކައިން ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމު ހިންގުމުގައި ބައިވެރިވެފައި ނުވާ ކަމަށް ވެސް އޮޑިޓުން ބުނެއެވެ. އެ މުއްދަތުގެ ތެރޭގައި ނިޒާމު ހިންގުމަށް ފެނަކައަށް ލިބުނު ފުރުސަތު ހަނިވާގޮތަށް އެންވާރަމަންޓް މިނިސްޓްރީ އިން އަމަލު ކޮށްފައިވާއިރު ފެނަކައިން ނިޒާމު ހިންގާފައި ނުވިނަމަވެސް އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅައިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

މި މަޝްރޫއު ހިންގަންވާނީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާ އެއްގޮތަށް ކަމުގައިވާ އިރު މަޝްރޫއަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ހަރަދު ހިނގާފައިވާ ކަމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުނު ފަހުން ނިޒާމަށް ދިމާވި މައްސަލައަށް ވަގުތީ ހައްލު ހޯދާފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ނޫން ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ. އެގޮތުން ނޮވެމްބަރު 2020 އިން ފެށިގެން ޖުލައި 2021 ގެ ނިޔަލަށް ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހިފައިވާ މޭން ހޯލް އަދި ވެކިއުމް ޗެމްބަރުތައް ހިއްކުމުގެ މަސައްކަތް ބީލަން ކުރުމަކާ ނުލައި އަމިއްލަ ފަރާތްތަކާ ފެނަކައިން ވަނީ ހަވާލު ކޮށްފައެވެ. އަދި ނަޖިސް ހިއްކުމުގެ މަސައްކަތުގެ ޖުމްލަ އަގު ކަނޑައަޅައިފައި ނުވުމާއި ކުރިން ކުރި އަގަށް ވުރެ ބޮޑު އަގެއްގައި މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށް ވެސް އޮޑިޓުން ބުނެއެވެ. އެގޮތުން މޭން ހޯލްތަކުގެ ނަޖިސްތައް ޕިކަޕްތަކެއްގައި ނަގައިގެން އުކާލުމަށް ޖުމްލަ 8,673,370 ރުފިޔާ 21 މަސް ތެރޭގައި ހަރަދުކޮށްފައި ވެއެވެ.

މަޝްރޫއުގެ ދަށުން ގާއިމް ކޮށްފައިވާ ނިޒާމުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރެކްޓިފިކޭޝަންގެ ގޮތުގައި 43,271,758 ރުފިޔާގެ ހަރަދެއް ކުރުމަށް ކޮންޓްރެކްޓެއް އެވޯޑް ކޮށްފައި ވެއެވެ. ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ ރެކްޓިފިކޭޝަންގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވިފައި ވަނީ 87 ޕަސެންޓްއެވެ.

ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ސަރުކާރުން އަވަސް އަރުވާލައިގެން ނިންމާފައިވާ މަޝްރޫއެކެވެ.