ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަން ފާހަގަކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ނުކުރުމަށް ރައީސް ސޯލިހް އަންގެވިކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ނުފޫޒުފޯރުވުމުގެ ގޮތުން ނުވަތަ ތަހުގީގު ހުއްޓުވުމަށް އެއްވެސް ފަރާތަކުން ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންނަށް އަންގާފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ދިޔަރެސް އާ ހިއްސާކޮށްފައި ނުވާނެކަން ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މައުލޫމާތުގެ ސައްހަކަން ބެލުމަށް މަސައްކަތް ނުކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ އެ ހިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އެ ހިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ. ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަރްޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

އާރްޑީސީގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބައެއް މީޑިއާތަކުން ހަބަރު ގެނެސްފައި ވީ ނަމަވެސް އެފަދަ އެއްވެސް މުއާމަލާތްތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓް އިން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމަށްވެސް އާރްޑީސީއިން ބުނެއެވެ. ބުނެއެވެ.