ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރުން އިސްވެ އުފައްދަވި "ދަ ޑިމޮކްރެޓްސް" ހިމަނައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް އެ ޕާޓީގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން، ޕާޓީ އެއް ރަޖިސްޓްރީކުރުމަށްޓަކައި ފުރިހަމަވާން ޖެހޭ އިޖުރާއާތު ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޑިމޮކްރެޓްސް ހިމެނުމަށް ނިންމީ، އިލެކްޝަންސް ކޮމިޝަނުން ބޭއްވި 793 ވަނަ އާންމު ޖަލްސާގައި، އެ ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ޕާޓީގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަކަށް ޕާޓީ ރަޖިސްޓްރީވެގެން ދިއުން ކަމަށެވެ

މިދިޔަ ބުދަ ދުވަހު ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީ އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބާއްވައި، ޕާޓީގެ ލޯގޯ އާއި ދިދަ އާއި ކުލައިގެ އިތުރުން އަސާސީ ގަވައިދު ވެސް ފާސްކޮށްފައެވެ. 300 މެންބަރުން މަދުވެގެން ތިބެން ޖެހޭ އެ ޖަލްސާގައި 400 މެންބަރުން ބައިވެރިވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ޕާޓީ އެއް އުފެއްދުމަށް ޖަލްސާ އެއް ބާއްވާތާ 30 ދުވަހުގެ ތެރޭގައި އެ ޕާޓީ އެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކޮންމެ ޕާޓީއަކުން ވެސް 10 ހާސް ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ އާއި، ޕާޓީގެ އަސާސީ ގަވައިދާއި، މެނިފެސްޓޯގެ ކޮޕީއަކާއި، ޕާޓީ ރަމްޒުކޮށްދޭ ތަކެތި ހުށަހަޅަން ޖެހޭ ކަމަށް އެ ގަވައިދުގައި ވެއެވެ.

އަދި އެ ގަވައިދު ބުނާ ގޮތުން، ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ޕާޓީ ރެޖިސްޓްރީކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން، ރެޖިސްޓްރީކުރުމަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެއެވެ.