ރާއްޖޭގެ މައި ޕާޓީ، އެމްޑީޕީގެ އޮފީސް އެތައް އަހަރުތަކެއް ވަންދެން ހިންގި އިމާރާތް ދޫކޮށް އޮފީސް ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން ޕާޓީ ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ .ޝަރާޝާ ގައެވެ. ނަމަވެސް މިހާރު އެމްޑީޕީގެ އޮފީސް ބަދަލުކޮށްފައި ވަނީ ލިލީމަގު ޕާކިސްތާނުގެ އެމްބަސީ ކައިރީގައި ހުންނަ ގ. ނިޔުޝާގެ ދެ ވަނަ ފަންގިފިލާ އަށެވެ.

އެމްޑީޕީން ބުނި ގޮތުގައި އޮފީސް ބަދަލުކުރީ ޕާޓީގެ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން ޖާގަ ތަނަވަސް ތާކަށް ބަދަލުވުމުގެ ގޮތުންނެވެ. އަދި ރަސްމީ އޮފީސް އެހެން އިމާރާތަކަށް ބަދަލުވި ނަމަވެސް ކުރިން ބޭނުން ކުރި އިމާރާތް ވެސް ބޭނުން ކުރަމުންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން "ދަ ޑިޕޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރަމުންދާއިރު އެމްޑީޕީގެ މައި ހަރުގެ ވެސް ވަނީ "ދަ ޑިމޮކްރެޓްސް"ގެ ހަރުގެއަކަށް ބަދަލުކޮށްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވާއިރު ޝިއާރަކަށް ކަނޑައަޅުއްވާފައި ވަނީ "އުފާވެރި އަމާންރާއްޖެ" އެވެ. ށ. ކޮމަންޑޫއިން ރައީސް ސޯލިހުގެ ކެމްޕެއިން ފެއްޓެވިއިރު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.