ކެއުން ގޯސްވެގެން ކަމަށް ބުނެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތްތައް ކުރާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މަސައްކަތު މީހުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.

މި ސަރުކާރުން ފެށި ފްލެޓް މަޝްރޫއުގެ ތެރެއިން 2،000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާ ޖޭއެމްސީގެ މަސައްކަތްތެރިން އިހްތިޖާޖުކުރާތާ މިހާރު ދެ ދުވަސް ވެއްޖެއެވެ. ބައެއް މަސްދަރުތަކާ ހަވާލާދީ މަސައްކަތްތެރިން ބުނި ގޮތުގައި، އެ މީހުން އިހްތިޖާޖުކުރަމުން ދަނީ ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަކެތި ބޭނުންކޮށްގެން ކެއުން ތައްޔާރުކުރާތީއެވެ.

އެހެންވެ، އެ މީހުން ތިބީ މަސައްކަތް ހުއްޓާލައިގެން ކަމަށް، އެ މަސްދަރުތަކާ ހަވާލާދީ އެ މީހުން ބުންޏެވެ.

ގިނަ އަދަދަކަށް ފުލުހުން ވެސް އިރުއޮއްސުނު ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

މިދިޔަ މާޗް މަހު ވެސް ކުނިވެފައިވާ ކާތަކެތި ދޭ މައްސަލަ ފާހަގަކޮށް ޖޭއެމްސީގެ މަސައްކަތްތެރިން އިހްތިޖާޖުކޮށްފައިވެއެވެ.