ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޫނު އަސާސީ ވުޖޫދަށް އައުމުގެ އެއް މަގްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ހައްގުތަައް ފުރިހަމައަށް ލިބެންޖެހޭ ކަމަށާއި އެއީ ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އަދި އެއީ އިންސާނީ ހައްްގެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެއެވެ. މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟!
ގާސިމް

ގާސިމް މިހެން ވިދާޅުވެފައިވާއިރު ޔާމީންގެ ލަފާފުޅުގެ މަތިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގާސިމް އާއެކު މިއަދު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އަދުރޭގެ އިތުރުން ޕީޕީއެމްގެ ނައިބުރައީސް އަހްމަދު ޝިޔާމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަދި މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ،ގާސިމްއާއެކު މިއަދު ބޭއްވި އެ ބައްދަލުވުމަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޔާމީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެ ޖަލު ހުކުމް ބާތިލްވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންއަށްކޮށްފައިވާ ހުކުމް އަވަސްކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ ހައިކޯޓުގައި އެދިފައެވެ. ނަމަވެސް ވ. އާރަށް މައްސަލައިގައި ރައީސް ޔާމީނަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އިއްޔެގެ އަޑުއެހުން ހައިކޯޓުގެ ފަނޑިޔާރަކު އާއިލީ ޒިންމާ ޗުއްޓީގައި ހުންނެވުމުން ވަނީ ކެންސަލްކޮށްފައެވެ.