ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 75 އަހަރުގެ މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ތައީދު ކޮށްފިއެވެ.

ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ދައުވާއެވެ. ހަސަން ޔޫސުފް ބެހުނީ އޭނާގެ ޅީދަރިއަކަށް ބޮޑުދައިތަ ކިޔާ، އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާއެވެ.

ޑިސެމްބަރު 2020ގައި ޗުއްޓީއެއްގައި ހަސަން ޔޫސުފްގެ ރަށަށް ކުއްޖާ ގޮސް އެ ގެޔަށް ދިޔަ ދުވަހެއްގައި ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ވާހަކަ ދެއްކި މައްސަލަ އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ކުއްޖާ އެހެން މީހުންނަށް ކިޔައިދިން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އެ ރަށު ކޯޓުން ކުރި ހުކުމް އެ މީހާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެމީހާގެ ފަރާތުން ހައިކޯޓުގައި ވަނީ އެ ކުއްޖާ ދައްކާފައި ހުރި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް ދަށު ކޯޓުގެ ހުކުމް ބާތިލު ކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް އިއްޔެ ކުރެއްވި ހުކުމުގައި ބުނެފައިވަނީ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ހެދުމަށް ކިޔައިދިން ކިޔައިދިނުމަށް ބަލާއިރު، އޭގެ ކުރިން ކުއްޖާ ކިޔައިދިން ގޮތާއި ކުއްޖާގެ މަންމަ އާއި ބޮޑުދައިތަގެ ބަޔާނަށް ބާރުލިބި، ކުއްޖާގެ ވާހަކަ ގަބޫލުކުރެވޭ ކަމަށެވެ. މީގެ އިތުރުން ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓެއް ހަދާފައިވާއިރު، އެއިން ބުނެދޭ ގޮތުގައި ހާދިސާއަށް ފަހު ކުއްޖާގެ އުޅުމަށް ބަދަލު އައިސްފައިވާ ކަމަށާއި މި މައްސަލާގައި ކުއްޖާ ދޮގު ހަދައި، އެ ވާހަކަ ދެއްކުމުގައި ނިޔަތެއްގައި އޮތްކަމުގެ ހެއްކެއް ވެސް ނެތް ކަމަށް ހުކުމުގައި ބުނެއެވެ.

ހަސަން ޔޫސުފްގެ ދިފާއުގައި އޭނާ ބުނެފައިވަނީ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު، އެކަން ހިނގި ކަމަށް ބުނާ ތަނުގައި އޭނާ ނުހުންނާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ސާބިތުކޮށްދޭން ހަސަން ޔޫސުފްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.

އެހެންވެ ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތުކޮށް މާޅޮހު ކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

ހުކުމް ތަންފީޒުކުރަން ހުޅުމާލެ ޖަލުގައި ބަހައްޓާފައިހުރި އިރު އޭނާގެ ހުކުމް ތަންފީޒުކޮށް ނިމޭނީ އޭޕްރީލް 12، 2031 ގައެވެ.