އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކަން އުރީދޫން އިއުލާނު ކޮށްފިއެވެ.

އުރީދޫން ބުނީ، މި މުބާރާތަކީ ގޭމު ކުޅޭ މުޖުތަމައުގައި ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

މިގޮތުން 2022 ވަނަ އަހަރު ބޭއްވި ރޯޑްޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ގެ ކާމިޔާބީއަށް ފަހު ޖުމްލަ 16 ޓީމެއް އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ގާއިމްކޮށްފައިވާ ކަމަށް އުރީދޫން ބުނެއެވެ.

.​އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ މެޗުތައް ދެ ދުވަހަކަށް ބަހާލާފައިވާއިރު ފުރަތަމަ ދުވަހު ވާޗުއަލް މެޗުތަކާއި ދެވަނަ ދުވަހު ރެހެންދި ސްކޫލް ހޯލުގައި ހިތްގައިމު ލައިވް މެޗްތަކެއް ފެނިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. މި މުބާރާތުގެ ފުރަތަމަ 6 މެޗް މިމަހު 21 ގައި ވާޗުއަލް ކޮށް ކުޅުމަށް ހަމަ ޖެހިފައިވާއިރު، ދެވަނަ ދުވަހުގެ މެޗުތައް 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އާ ދެމެދު ރެހެންދި ސްކޫލް ހޯލުގައި ކުރިއަށްދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، މުބާރާތުގެ ދެ ވަނަ ދުވަހުގެ މެޗްތަކަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތު ވެސް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ މިމަހު 22 ވަނަ ދުވަހު ރެހެނދީ ސްކޫލް ހޯލްގައި ކަމަށެވެ.

މުބާރާތުގެ އެންމެ މޮޅު ޓީމުތަކުގެ އަގު ވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ 100،000ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ މޮޅު 3 ޓީމަށް ކަމަށް އުރީދޫން ބުނެއެވެ.

ފައިސާގެ އިނާމު ބަހާލާފައިވާ ގޮތް:

  • 1 ވަނައަށް ދާ ޓީމަށް 50،000 ރުފިޔާ
  • 2 ވަނައަށް ދާ ޓީމަށް 30،000 ރުފިޔާ
  • 3 ވަނައަށް ދާ ޓީމަށް 15،000 ރުފިޔާ
  • އެމްވީޕީ (އެންމެ މޮޅު ކުޅުންތެރިޔާ): 5،000 ރުފިޔާ​​

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ ބައިވެރިންނަށާއި ގޭމިން ކޮމިއުނިޓީއަށް ވެސް ހަނދާން ނައްތާނުލެވޭ ވަރުގެ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ މި އިވެންޓުގައި ހިތުގެ ތެޅުން އަވަސް އެކްޝަން، ނެއިލް ބައިޓިން ގޭމްޕްލޭ އަދި ހަގީގީ ގޭމިން ޗެމްޕިއަނުން އުފެދިގެން ދިއުން ފެނިގެންދާނެ ކަމަށެވެ.