މާލީ ދަތިކަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 3 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ހޯދުމަށް ޕާކިސްތާނުން ކުރަމުން ދާ މަޝްވަރާގެ ފައިނަލް ނިންމުމަށް 1 ދުވަސް އޮއްވާ ސައުދީން ޕާކިސްތާނަށް 2 ބިލިއަން ޑޮލަރު ދީފިއެވެ.

މިކަން ޔަގީންކޮށްދެއްވައި ޕާކިސްތާންގެ ބޮޑުވަޒީރު ވަނީ ސައުދީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި 2 ބިލިއަން ޑޮލަރަކީ، ޕާކިސްތާނަށް ދޭން ނިންމާ ހުސްވި އޭޕްރީލްގައި އިއުލާން ކުރި 2 ބިލިއަން ޑޮލަރެވެ. ނަމަވެސް ނުދީ ލަސްކުރީ ޕާކިސްތާނުން އައިއެމްއެފްއާ އެކު ކުރަމުންދާ މަޝްވަރާ ތަކުގައި ޕާކިސްތާނުން އެދޭ 3 ބިލިއަން ޑޮލަރު އައިއެމްއެފް އިން ދޭނެ ކަން ޔަގީން ވުމާއެކުގައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝާހްބާޒް ޝެރީފް ވިދާޅުވީ، ސައުދީގެ އެހީއާ އެކު، ޕާކިސްތާނުގެ އިގްތިސޯދަށް އޮތް އިތުބާރު ދެމެހެއްޓެގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ހާމަވެ ވަރުގަދަވެގެން ދާ ކަމަށެވެ.

އައިއެމްއެފް އިން ޕާކިސްތާނަށް 3 ބިލިއަން ޑޮލަރު ދޭން ނިންމާފައި ވީ ނަމަވެސް ފައިނަލް ނިންމުން ނިންމާނީ މާދަމާ އޮންނަ އައިއެމްއެފްގެ ބޯޑު ބައްދަލުވުމުގައެވެ.

9 މަސްދުވަހަށް ބަހާލައިގެން ދޭ މި ފައިސާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދިނުމަށް ފަހު ބާކީ ދެމުން ގެންދާނީ އައިއެމްއެފް އިން ކަނޑައަޅާފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ޕާކިސްތާނުން ހާމަކަން ހިފެހެއްޓުމާއެކު ޓެކްސް ބޮޑު ކުރުން ފަދަ ފިޔަވަޅުތައް އަޅަމުން ގެންދާނަމައެވެ.

ޕާކިސްތާންގެ އާންމު އިންތިހާބު މިއަހަރުގެ ފަހުކޮޅަށް ތާވަލް ކޮށްފައި ވާ އިރު، މާލީ ދަތިކަމުން އަރައިގަތުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާ ނުލެވިއްޖެ ނަމަ، މިހާރު އޮތް ކޯލިޝަން ސަރުކާރު ހޮވުމާމެދު މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މިހާރުވެސް އިފްލޭޝަން ރޭޓް 29 ޕަސެންތް އުފުލިފައިވާ ޕާކިސްތާންގައި އާންމު ރައްޔިތުން ތަހަންމަލް ކުރަމުން ދާ ދަތި ހާލަތަކީ އިރުމަތީ އޭޝިއާގެ އިގުތިސޯދު ތަކުގެ ތެރެއިން އެންމެ ނާޒުކު ހާލަތެއްގައި އޮތް އިގުތިސޯދެވެ.

އިގުތިސޯދީ ތަދުމަޑުކަމުގެ ރާޅެއްގައި ޕާކިސްތާން ދަތުރު ކުރަމުން ދާއިރު، ދާދި ފަހުނ އެގައުމަށް ކުރި ބޯ ވިއްސާރަގައި 1739 މީހަކު މަރުވެ ލިބިފައިވާ ގެއްލުން ވަނީ 30 ބިލިއަން ޑޮލަރަށް އަރާފައެވެ.