ނިމިދިޔަ ޖޫން މަހުގައި ކޮންޓޭނަރު އުފުލާ 16 ބޯޓު މާލެ ޕޯޓު ބަނދަރުގައި ބަނދަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓް ލިިމިޓެޑް (އެމްޕީއެލް)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހު މާލޭ ވިޔަފާރި ބަނދަރުން ޖުމްލަ 6180 ޓީއީޔޫ (4400 ކޮންޓޭނަރު) ވަނީ ކްލިއަކޮށްފައެވެ. ދުވާލަކަށް ބަލާނަމަ އެއީ 147 ކޮންޓޭނަރެވެ. އޭގެ ތެރޭގައި 20 ފޫޓުގެ 2680 ކޮންޓޭނަރުގެ އިތުރުން 40 ފޫޓުގެ 1780 ކޮންޓޭނަރު ހިމެނެއެވެ.

އަދި އެހެނިހެން މުދާ އުފުލާ 17 ބޯޓު ވަނީ ޖޫން މަހު ބަނދަރު ކޮށްފައެވެ. ފާއިތުވި މަހު މާލޭ ވިޔަފާރި ބަނދަރުން ކްލިއާ ކުރި ކާބޯތަކެތީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން ކްލިއާ ކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، ކަރާ، ބަރަބޯ، އަލަނާސި، ކެބެޖް، ޓޮމާޓޯ، ފިޔާ، އަލުވި އަދި ބިސް ހިމެނެއެވެ.

އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދާދިފަހުން ވަނީ މުދާ އުފުލުމަށް ހާއްސަ އިތުރު އުޅަނދުތަކެއްވެސް ގެނެސްފައެވެ. އެގޮތުން ކޮންޓެއިނަރު އުފުލަން 4 ރީޗް ސްޓެކާ، 2 ފޯކްލިފްޓްގެ އިތުރުން އެމްޕްޓީ ހޭންޑްލާއެއް ވަނީ ގެނެސްފައެވެ. މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުވެސް ވަނީ 4 ރީޗް ސްޓެކާ ގެނެސްފައެވެ. ކުދި އަދި މެދު ސައިޒުގެ ބަނދަރުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ފަރުމާ ކޮށްފައިވާ މި އުޅަނދުތަކަކީ ގިނަ މުދާ ތަކެއް އެއްފަހަރާ އުފުލުމުގެ އިތުރުން އޮޕަރޭޓް ކުރަން ފަސޭހަ އުޅަނދެއްކަން ފާހަގަ ކޮށްލެވެއެވެ.

މި އުޅަނދުތަކާއެކު އެމްޕީއެލް އިން ދެމުންދާ ހިދުމަތްތައް ވަނީ އިތުރަށް ފުޅާ ވެފައެވެ. އެކަމުގެ ސަބަބުން އަވަހަށް ކޮންޓޭނަރުތައް ކްލިއާ ކޮށް ކަސްޓަމަރުންނަށް ކުރިއަށްވުރެ ލުއި ފަސޭހަ ވެގެންދެއެވެ.