ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރު ފެބްރުއަރީ މަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކަން އިންތިޒާމު ކުރަމުންދާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެމްއައިޑީސީ) އިން ބުނެފިއެވެ.

އެމްއައިޑީސީން ބުނީ އަންނަ އަހަރު ފެބްރުރީ 10 އިން 29 އަށް މި ހަރަކާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ރެލީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު ޔޮޓް ރެލީގެ 3 ވަނަ އެޑިޝަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީސް، މަޓީ އަދި ޓުއަރިޒަމް މިނިސްޓްރީން ވަނީ ޕާޓްނަރުންގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.

އަންނަ އަހަރުގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ކުޑަގިރިންނެވެ. އެއަށްފަހު ، ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫ އަދި ސ.ގަމަަށް މި ދަތުރުގެ ބައިވެރިން ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ އެޑިޝަންގެ ގާލާނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށް މި ދަތުރު އިންތިޒާމު ކުރާ އެމްއައިޑީސީން ބުންޏެވެ.

ސަވާދީއްތަ ދަތުރުގެ ތެރެއިން

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ އިތުރުން، ބައިނަލްއަގްވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެކެވެ. އަދި ހަމައެހެންމެ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހާއި، ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދޭ ތަފާތު އިވެންޓެކެވެ.

މިފަދަ ދަތުރުތަކެއް ވަނީ ފާއިތުވި ދެ އަހަރުވެސް ރާއްޖޭގައި ބާއްވާފައެވެ. އަދި މިދިޔަ 2 އަހަރު ބޭއްވި ސަވާދީއްތަ ދަތުރަށް ވުރެ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަވާދީއްތަ ދަތުރުގެ ފޯރި ގަދަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިޑީސީން ވަނީ ބުނެފައެވެ. އަދި މި ދަތުރުގެ ތެރެއިން ޒިޔާރަތްކުރާ ރަށްރަށުން (މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް) ލޯކަލް ގައިޑުން ތަމްރީނުކުރުމާއި އަދި އެރަށްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން، ދަތުރުގެ ތީމާއި ގުޅޭ ކުރެހުމުގެ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސަވާދީއްތަ ދަަތުރާ ގުޅޭގޮތުން މައުލޫމާތު ދެނީ / ފޮޓޯ: އެމްއައިޓީޑީސީ

މިއަހަރު މާރިޗު މަހު ކުރިއަށް ގެންދިޔަ ސަވާދީއްތަ ދެވަނަ އެޑިޝަނުގައި 13 ޔޮޓެއް ބައިވެރިވިއެވެ. މިދަތުރުގައި 10 ރަށަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. ސަވާދީއްތަ އެންމެ ފުރަތަމަ ދަތުރު ބާއްވާފައިވަނީ 2021 ވަނަ އަހަރުއެވެ.