މިއަހަރުގެ ފުރަތަމަ ކުއާޓަާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރި އަދަދާއި މެއި މަސް ނިމުނު އިރު ހުރި ވަރު އަޅާ ބަލާއިރު ރިޒާވުން 17 މިލިއަން ޑޮލަރު މަދު ވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމު ކުރި ރިޕޯޓުގައި ބުނާ ގޮތުން މިދިޔަ މެއި މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 748.2 މިލިއަން ޑޮލަރުގަވެ. މިދިޔަ އޭޕްރިލް މަސް ނިމުނު އިރު އެ އަދަދު ހުރީ 756 މިލިއަން ޑޮލަރުގައެވެ. އަދި މާޗް މަސް ނިމުނު އިރު އެ އަދަދު ހުރީ 765 މިލިއަން ޑޮލަރުގައެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އޭޕްރީލް މަހުން މެއި މަހަށް ބަލާ ނަމަ ރިޒާވް ވަނީ 1 ޕަސެންޓް ދަށަށް ގޮސްފައި ކަމަށެވެ. ރިޒާވް ފައިސާ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި ނެޓް ޑޮމެސްޓިކް އެސެޓްސް އިތުރުވި ނަމަވެސް ނެޓް ފޮރިން އެސެޓްސް ދަށްވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 827.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ފަހު ކޮޅު ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައި ވަނިކޮށް އަހަރު ނިމުނު އިރު ރިޒާވް އިތުރުވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ހަމަޖައްސާފައެވެ.

މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަން ގައެވެ.