ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް އެ ސިޓީގެ ފަރަށް އެރި މައްސަލައެއް އީޕީއޭ އިން ތަހުގީގު ނުކުރަނީސް އެ ބާޖު ފުރައިގެން ހިނގައްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ފުވައްމުލަކުގައި ގިރަމުންދާ ސަރަހައްދުގައި ތޮށިލާން މަސައްކަތްކުރާ ސަރަހައްދުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އައި ބާޖެއް ވަނީ ފަރަށް އަރައިފައެވެ. ފުވައްމުލަކު ކައުންސިލުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ:
- ބާޖު ފަރަށް އަރާފައި ވަނީ މަސައްކަތްކުރާ ސަރަހައްދަށް މުދާ ވައްދާ ނެރެ ހެދުމަށް ބޭނުންކުރާ ބަނދަރަށް ވަންނަ ތަނާ ދިމާލުގައި އޮއްވާ އަރިއަޅާލައިގެން ކަމަށް
- ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް
އެ ހާދިސާގައި ފަރަށް އަރާފައި ވަނީ "އެމްއެމް އެކްސްޕޯޓު"ގެ ބާޖެކެވެ.
އެ މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މީޑިއާތަކަށް ވިދާޅުވީ، ބާޖު ފަރަށް ނާރާ ކަމަށް ބުނެ އީޕީއޭ އަށް ދޮގު މައުލޫމާތު ދިނުމަށް ފަހު، ބާޖު ފުރައިގެން ގޮސްފި ކަމަށާއި، އެކަން ކުރީ އޭޖެންޓުން އީޕީއޭ އަށް އޮޅުވާލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ބާޖު ފަރަށް އެރުމުން ކަންބޮޑުވުން ފާޅުކޮށް ފުވައްމުލަކުގެ ޑައިވިން އެސޯސިއޭޝަނުން ބުނީ، އެ ހާދިސާގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ އެތައް ބާވަތެއް އެއްކޮށް ނެތިގެން ހިނގައްޖެ ކަމަށެވެ. އެ އެސޯސިއޭޝަނުން ކުރި ޓްވީޓްގައި ވަނީ ފުވައްމުލަކުގެ ފަރުގެ ވީޑިއޯ އެއް ވެސް އާންމުކޮށްފައެވެ.
އޭގެ އިތުރުން އެ ހާދިސާ އާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ އެސޯސިއޭޝަނުން ވަނީ، ގެއްލުންވެފައިވާ ފަރުތަކަށް ހައްލެއް ހޯދައިދިނުމަށް ފުވައްމުލަކުގެ ކައުންސިލުން ކަނޑުތަކާ ބެހޭ މާހިރުންނާ ވާހަކަ ދައްކައި މަޝްވަރާކުރުމަށާއި، އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.
މިއީ ފަރަށް އެރި މައްސަލައެއްގައި ކުރިން ވެސް ޖޫރިމަނާ ނުދައްކާ އޮތް އެމްއެމް އެކްސްޕޯޓުގެ މިފަދަ ހަތަރުވަނަ މައްސަލައެވެ.
މީގެ ކުރިން ވެސް އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގު ބޯޓަކާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި އެރިއެވެ. އެ މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެންގިތާ ހަތަރު އަހަރުވީ އިރު ވެސް ޖޫރިމަނާ ނުދައްކައެވެ. އެ ފަހަރު އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.
އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް ވެސް އަރާފައި ވެއެވެ. އެ މައްސަލަ ބެލުމަށް ފަހު 22 މިލިއަން ރުފިޔާ އިން އެ ބޯޓު ޖޫރިމަނާ ކުރި ނަމަވެސް އެމްއެމް އެކްސްޕޯޓުގެ އެދުމުގެ މަތިން ފަހުން ވަނީ ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައެވެ.
އޭގެ ފަހުން މި އަހަރުގެ މޭ މަހުގެ ތެރޭގައި އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގު ބޯޓެއް ހއ. ދިއްދޫގެ ފަރަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެ ރަށުގެ ފަރަށް ލިބިފައި ވެއެވެ.