ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާ ލިބޭ އެންމެން ސަލާމަތްވި މައްސަލާގައި، އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން މިއަދު ހައިކޯޓުގައި އެދިއްޖެއެވެ.2ޏ

ނަދީމް މަރާލި މައްސަލަ އާއި ގުޅިގެން، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް އުފުލިއެވެ.

ނަމަވެސް އެ އެންމެންގެ މައްޗަށްވެސް ކުށް ސާބިތުވެފައިނުވާތީ ދައުލަތުން ހައިކޯޓުގައި މިދިޔަ އަަހަރު މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށް ވާއިރު އިސްތިއުނާފް މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބެއްޖެނަމަ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ ނަދީމްގެ މަރުގެ މައްސަލަ ނިންމި ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑްތައް އެބަހުރި ކަމަށެވެ. މި އަޑުއެހުމުގައި މަފާޒްއާއި ޝާމިންވެސް ވަނީ އެމީހުންނަށް ވަކީލަކު އައްޔަނު ކުރުމަށް އަދި ވަގުތު ބޭނުންވާކަމަށް ބުނެފައެވެ. އަދި އެ ދެމީހުންވެސް އެދިފައި ވަނީ ވަކީލުން އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ވަކީލުން އައްޔަންކުރުމަށް ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ.

އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމާނީ ވަކީލުން ހަމަޖައްސަން ދިން ތިން ދުވަހުގެ މުއްދަތަށް ފަހު ކަމަށް ވަކީލުންގެ ބެންޗުން ވަނީ ބުނެފައެވެ. އަދި އެ މުއްދަތު ހަމަވާއިރު ވަކީލަކު ހަމަނުޖެހުނަސް، ބަންދާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން ވަނީ އިއުލާން ކޮށްފައެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހުސައިން މަޒީދު, ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ސަލީމްއެވެ.

ޓާމިނަލް ކެފޭ ތެރޭގައި ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައި ވަނީ 2017 ވަނަ އަހަރުއެވެ.