އިންސްޓަންޓް ޕޭމަންޓު ސިސްޓަމު ގާއިމުކުރުމަށް ތިން ބޭންކަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ސޮއިކޮށްފިއެވެ.

މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމީއްޔާތުގައި މި ނިޒާމާއި ގުޅިފައިވަނީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ.

އާ ޕޭމަންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭއިރު ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިވަގުތު މި ހިދުމަތާއި ތިން ބޭންކު ގުޅި ޕައިލެޓް ފޭސްއަށް ދިޔަ ނަމަވެސް، އިތުރު ބޭންކުތައްވެސް ޔޫޒާ އެކްސެޕްޓެންސް ޓެސްޓުތަކުގައި ބައިވެރިވަމުންދާ ކަމަށާއި ލޯންޗު ކުރާ ހިސާބަށް ދާއިރު މި ނިޒާމާއި ގުޅިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަނާ އަލީ ހާޝިމް ވިދާޅުވީ، މިއީ ވަރަށް ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށާއި ނަމަވެސް މިއީ ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ޖުމްލަ ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ އެ ހައްލު ގެނެސްދޭން މަގު ކޮށައިދޭ މެދުވެރިޔާ ގޮތުގައި ހާޝިމް ވިދާޅުވިއެވެ.

ބޭންކުތަކާއި އެކު އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، އެސިސްޓެންޓް ގަވަނާ މަރިޔަމް ހުސެއިން ދީދީއެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު އަލީ ނޫރައްދީންއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ކަންޓްރީ މެނޭޖާ އަދި ސީއީއޯ ޑޮރަބާބޫ ޑޮޕާޓީއެވެ.