ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ 62 ފަސެންޓް އެމްޑީޕީއަށް ލިބޭގޮތަށް ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް ފާސްކޮށްފިއެވެ.

އެގޮތަށް އެ ރިޕޯޓު ފާސްކޮށްފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި 35 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ރިޕޯޓް ފާސްކުރުމާ ދެކޮޅަށް 14 މެންބަރުން ވޯޓު ދެއްވާފައި ވެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތުގެ ރިޕޯޓަށް ވޯޓަށް އަހާފައި ވާއިރު އެ ރިޕޯޓަށް 10 އިސްލާހެއް މެންބަރުން ހުށަހަޅާފައި ވެއެވެ.

އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު 5 އިސްލާހު ހުށަހެޅުއްވި އިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް 4 އިސްލާހު އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. މިއިން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.

އެގޮތުން ފުރަތަމަ އިސްލާހެއްގެ ގޮތުން އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހުރިހާ ޕާޓީއެއްގެ ބައިވެރިވުން ޝާމިލުވާ ގޮތަށް ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިސްލާހެކެވެ. އަދި މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ހުރިހާ ޕާޓީއެއްގެ އަދި މިނިވަން މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލުމަށް އިސްލާހެއް ވެސް އާދަމް ޝަރީފް ހުށަހެޅުއްވިއެވެ.

ޖުޑީޝަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި އެސްއޯއީ ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިސްލާހެއްގެ އިތުރުން އާދަމް ޝަރީފް ވަނީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން އިސްލާހެއް ހުށަހަޅުއްވާފައެވެ. އަދި އާންމު ކޮމިޓީ އެކުލެވިގެންވާ ގޮތާއި ގުޅޭގޮތުން ވެސް އާދަމް ޝަރީފް އިސްލާހެއް ހުށަހެޅުއްވިއެވެ.

އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުތަކަށް ބަލާއިރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރަކަށް ސަރުކާރު ނިސްބަތްވާ ޕާޓީ ނޫން ޕާޓީއެއްގެ މެންބަރަކު ހިމެނުން މުހިއްމު ކަމަށާއި އެ ކޮމިޓީ އެކުލަވާލައްވަން ބޭނުންވާ ގޮތް ހުށަހަޅުއްވާފައި ވެއެވެ. އަދި މާލިއްޔަތު ކޮމިޓީ އެކުލަވާލެވިފައިވާ ގޮތަށް އާޒިމް އިސްލާހެއް ހުށަހަޅުއްވާފައި ވާއިރު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން ވެސް އާޒިމް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން އާންމު ކޮމިޓީ އެކުލެވިގެންވާ ގޮތާއި ގުޅޭގޮތުން އާޒިމް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.

ފަހު އިސްލާހަކީ މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހެކެވެ. އެއީ މަޖިލީހުގެ 5 އަހަރުގެ ދައުރު ތެރޭގައި މެންބަރުންނަށް ކޮމިޓީތަކުގައި ބައިވެރިވެވުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

ވޯޓަށްފަހު މަޖިލީހުގެ ރިޔާސަތު ބެއްލެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މިރޭ 9 ގެ ކުރިން ޕާޓީތަކުން ކޮމިޓީތަކުގައި ހިމަނަން ބޭނުންވާ މެންބަރުންގެ ނަންތައް ފޮނުވުމަށް އަންގަވާފައެވެ.