ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިލާން ޖެހުނު ބިރުވެރިކަމުން ސަލާމަތް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އިއްޔެ ފެއްޓެވި ރިޔާސީ ކެމްޕެއިންގައި ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ، ކޮވިޑް-19 ކުރިމަތިވުމުން ވިޔަފާރިވެރިން ތިބީ ގޮތް ހުސްވެފައި ކަމަށާއި ބޭންކްރަޕްޓު ވާނެ ކަމަށް ބައެއް ވިޔަފާވެރިން ގަބޫލުކުރި ކަމަށެވެ.

ކޮވިޑްގެ ވަބާއާ ހެދި ކުރިމަތިވި ކަންތައްތަކުގައި ވެސް ރައީސް ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވާ ގައުމު ކޮޅަށް ޖެހުމުގައި ނަމޫނާ ދެއްކެވި ކަމަށެވެ. އަދި އެ ހާލަތުގައި ރާއްޖެ ބަނގުރޫޓް ނުވެ ސަލާމަތްވީ ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިގެން، ރައީސް ކުރެއްވި މަސައްކަތްޕުޅު ތަކުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ އެހެންކަމުން ދެން ވެސް ގައުމަށް ބޭނުން ވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު މިހާ ހިސާބަށް ދެކުނު، ކޯލިޝަނެއް ފަސް އަހަރުވަންދެން ފުރިހަމަކަމާ އެކު މައްސަލައެއް ނެތި ހިންގެވި ރައީސަކަށް އަޅުގަނޑަށް ފެނުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު.
ސިޔާމް

ފަސް އަހަރުގެ ދުވަހަށް ކޯލިޝަނެއް ދެމެހެއްޓެވި ހަމައެކަނި ރައީސަކީ ރައީސް ސޯލިހު ކަމަށާއި އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ބޭނުން ވަނީ ރައްޔިތުންނަށް ވާ ވައުދު ފުއްދާ ރައީސެއް ކަމަށާއި އެމްޑީއޭއިން ދެކޭގޮތުގައި ވައުދުވެފައި ވައުދު ފުއްދޭނީ ފަސް އަހަރުގެ ވެރިކަމެއް ކުރެވިގެން ކަމަށެވެ.

އަޅުގަނޑުމެން މި ބޭނުންވަނީ ރައްޔިތުންނަށް ވައުދު ފުއްދައި، ވައުދު ކޮށްދޭ، ވައުދު ފުއްދައިދޭނެ ރައީސެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވައުދުވެފައި ވައުދު ފުއްދޭނީ ވެރިކަމެއް ފަސް އަހަރު ކުރެވިގެން. އަދި ކޯލިޝަނެއް އޭގެ އެންމެ ރަނގަޅު ގޮތުގައި ހިންގިގެން.
ސިޔާމް

ސިޔާމް ވަނީ، އެމްޑީޕީ އާ އެކު އެމްޑީއޭއިން ކޯލިޝަން ހަދަން ނިންމީ ކީއްވެގެންތޯ ބައެއް މީހުންގެ ހިތައް އަރާފާނެ ކަމަށެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ, މުސީބާތެއް ދިމާވުމުން އެ ހާލަތުގައި ވެރިކަމުގައި ހުންނެވި ބޭފުޅަކު އަމަލުކުރެއްވި ގޮތަށް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ.