ދަ ޑިމޮކްރެޓްސް ނިކުންނާނީ ރައްޔިތުންގެ ޝަކުވާތަކާއި ރައްޔިތުންގެ ހާލަތުތަކަށް ހައްލު ހޯދައިދޭނެ ސިޔާސަތުތަކަކާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ޑިމޮކްރެޓްސްގެ ރަސްމީ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މުޅި ދިވެހިރާއްޖެ ހައްލު ކުރުމުގެ މަގަށް ގެންނާނެ ސިޔާސަތުތަކާ އެކު ޑިމޮކްރެޓްސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިއީ ތަޖުރިބާކާރުންނާއި، ފަންނީ މީހުންނާއި، ސިޔާސީ މީހުންނާއި، ކަންކަން ދަންނަ އެތައް ބަޔަކާއި އަދި މި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ޝަމިލްވާ ޝަކުވާތަކާއި ފިކުރުތަކާއި ހިޔާލުތަކާއި އެމީހުންގެ ވިސްނުންތަކާ އެކު ހަދާނެ ސިޔާސަތުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިން އަބަދުވެސް ކަންބޮޑުވެ ތިބެނީ އެމީހުންގެ އާންމު ހާލަތު ރަނގަޅު ކުރާނެ ގޮތްތަކެއް ހޯދަން ކަމަށް ނަޝީދު ވިދާޅުވިއެވެ. މިއަށް ވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް ތަންފީޒްކޮށް ދޭނެ ސަރުކާރެއް އެމީހުން ހޯދަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާނެ ސަރުކާރެއް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޑިމިކްރެޓުން ނިކުންނާނީ މި ރާއްޖެއިން އެދޭ އެތައް ކަމެއް ފުއްދައި ދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓުން ނިކުންނަނީ ރާއްޖޭގެ ކަންކަމަށް ހައްލު ގެނެސް ދިނުމަށް ކަމަށާއި އެ ޕާޓީއަކީ އެޕާޓީއަށް ވޯޓު ދޭ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ބޭނުންތައް ފުރިހަމަ ކޮށްދޭނެ ސިޔާސަތުތަކަކާއެކު ނިކުންނަން ތައްޔާރަށް އޮތް ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން 5 އަހަރުގެ މި ދައުރު ނިމުމާ ގާތަށް އައި އިރު، މަރުވެފައިވާ މީހުންނާއި ގެއްލުވާލި މީހުންގެ މައްސަލަަތައް ނުބެލި ވާ ކަމަށާއި އަދި ކޮރަޕްޝަންގެ މައްސަލަަތައް ވެސް ނުބަލާ ކަމަށް އިމްތިޔާޒް ތުހުމަތު ކުރެއްވިއެވެ. ވެރިކަން ތަބަަކަށް ލާފައި ދިނީމައި، އަދި ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާ އެކީގައި ވެރިކަން ލިބުނީމައި ވެސް ކުރެއްވި ކަމެއް ނެތް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މި ސަރުކާރަކީ ހިޔާނާތްވަމުންދާ ސަރުކާރެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އިމްތިޔާޒް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރައްވަން އެދުނީމައި އެ ހާމަ ނުކުރަން ސުޕްރީމް ކޯޓަށް ގޮސްފައިކަން ފާހަގަ ކުރައްވާފައެވެ. ރައްޔިތުންގެ މާލިއްޔަތަށް ހަދާ ގޮތް ހާމަ ނުކުރަން ސުޕްރީމް ކޯޓަށް ދިޔަ ސަރުކާރެއް މި ނޫނީ ނެތް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އާރްޑީސީގެ ތިޖޫރީ 4 ފަހަރު ފަޅާލި ކަމަށާއި އަދި 13 މިލިއަންގެ ޕެޓީ ކޭޝް ކޮޅެއް ނަގައި އެކަންތައް ނިމިދިޔަ ގޮތް ވެސް އިމްތިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ކަން ކަން ހިންގާ މި ސަރުކާރަކީ ވައްކަމާއި ހިޔާނާތް ހިންގަމުންދާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރެއާއި ދުވާލު ހިޔާނާތް ވަމުންދާ މި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި އަދި އެކަން ކުރާނީ ޑިމޮކްރެޓްސް އަށް ވެރިކަން ލިބުމުން ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.