ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިއުމެއް މިއަދު ހުށަހަޅާފައިވާ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ރެޖިސްޓްރީކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އުންމީދަކީ ވީހާވެސް އަވަހަކަށް ޕާޓީ ރެޖިސްޓްރީވެގެން ދިއުން ކަމަށެވެ.

މީގެ އިތުރުން، ޑިމޮކްރެޓްސްގެ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީ އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބާއްވައި، ޕާޓީގެ ލޯގޯ އާއި ދިދަ އާއި ކުލައިގެ އިތުރުން އަސާސީ ގަވައިދު ވެސް ފާސްކޮށްފައެވެ. 300 މެންބަރުން މަދުވެގެން ތިބެން ޖެހޭ އެ ޖަލްސާގައި 400 މެންބަރުން ބައިވެރިވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ޕާޓީ އެއް އުފެއްދުމަށް ޖަލްސާ އެއް ބާއްވާތާ 30 ދުވަހުގެ ތެރޭގައި އެ ޕާޓީ އެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކޮންމެ ޕާޓީއަކުން ވެސް 10 ހާސް ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ އާއި، ޕާޓީގެ އަސާސީ ގަވައިދާއި، މެނިފެސްޓޯގެ ކޮޕީއަކާއި، ޕާޓީ ރަމްޒުކޮށްދޭ ތަކެތި ހުށަހަޅަން ޖެހޭ ކަމަށް އެ ގަވައިދުގައި ވެއެވެ.

އަދި އެ ގަވައިދު ބުނާ ގޮތުން، ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ޕާޓީ ރެޖިސްޓްރީކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން، ރެޖިސްޓްރީކުރުމަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެއެވެ.