ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ. އަތޮޅާއި ރ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް 9 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 2 އިން 5 އަށް ހިންގި އެ އޮޕަރޭޝަނުގައި ނ. އަތޮޅު ފަޅުރަށަކާއި ދުވާފަރު ބައެއް ސަރަހައްދެއް އަދި ދޯންޏެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓެއް އަދި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން 25 އަހަރާއި 51 އަހަރާ ދެމެދުގެ އުމުރުގެ 9 މީހުން ހައްޔަރުކޮށްފައިވާއިރު މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ހަތް ދުވަސް، ފަސް މީހުންގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 11 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.