ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ގިނަ މީހުން ބަލާ ޑްރާމާ އަކީ އަނުޕަމާ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ ޑްރާމާ އަކީ އެހެން ހިންދީ ޑްރާމާ ތަކާ ހިލާފަށް ހަގީގީ ދިރިއުޅުމުގައި ދިމާވެދާނެ ކަންތައްތަކަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާއެކެވެ.

ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކައިރިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ. އަނުޕަމާ އާއި އަނުޖްގެ ކައިވެންޏަށް އަނޫ ކިޔާ ކުއްޖަކު ފޮސްޓާ ކުރި ކަން މީގެ ކުރީގެ އެޕިސޯޑުތަކުގައި ވާނީ ފެނިފައެވެ. ނަމަވެސް އަނުޖް އާއި އަނުޕަމާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލަނީ އަނޫ ގެ އަސްލު މަންމަ ޑްރާމާ އަށް އަންނަ ހިސާބުންނެވެ. އަނޫ ވިހެއުމަށް ފަހު މާޔާ، އަނޫ ކުދިން ބަލަހައްޓާ ތަނަށް ލާންޖެހުނީ އޭރު މާޔާގެ މަޖުބޫރީ ހާލަތުންނެވެ.

މާޔާގެ ސަބަބުން އަނުޕަމާ އާއި އަނުޖްގެ ކައިވެންޏަށް ގިނަ ހުރަސްތަކެއް އެޅިގެން ދެއެވެ. ގަދަ ބާރުން އަނުޖްގެ ލޯބި ހާސިލް ކުރުމަށް މާޔާ މަސައްކަތްކޮށް ދަރިފުޅު އަނޫ ވެސް އަނުޕަމާ އާ ދުރުކޮށް ގެންގުޅޭ މަންޒަރު ކުރީގެ އެޕިސޯޑުތަކުން ވާނީ ފެނިގެން ގޮސްފައެވެ. އަނުޕަމާ އޭނާގެ ޒަމާންވީ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ގުރުކުލް އަށް ދެއެވެ. ގުރުކުލް އިން އަނުޕަމާ އަށް ލިބިގެން ދަނީ ހަޔާތުގައި މަދުން ނޫނީ ލިބޭ ފުރުސަތެކެވެ. އެއީ ގުރުކުލްގެ ބައެއް އެމެރިކާ ގައި ހުޅުވާ އެތަން އަނުޕަމާ ހިންގުމެވެ.

ނަމަވެސް އެމެރިކާއަށް ދާންވެ، ދެދުވަހަށް ވެފައި އޮއްވާ އަނުޖްގެ އާއިލާ އިން އަނުޕަމާ އަށް ފެއާވެލް ޕާޓީއެއް ބޭއްވިއެވެ. އެ ޕާޓީގައި މާޔާ، އަނުޕަމާ އާ ދިމާއަށް ވަރަށް އެއްޗެހި ކިޔައި އަނުޕަމާ މަރުވުމަށް އެދުނެވެ. އަނުޕަމާ އެގެއިން ނުކުތީ މާޔާގެ ވާހަކަތަކުން އޭނާ އަށް ކެތްނުވުމުންނެވެ. ނަމަވެސް ގައުމު ދޫކޮށް ބޭރަށް ދާން އުޅޭ ދަނޑިވަޅުގައި އެއްވެސް މީހެއްގެ ހިތުގައި އަނުޕަމާ އާ ދޭތެރޭ ހިތް ބުރަކަމެއް ބާއްވަން ބޭނުން ނުވާތީ އަނުޕަމާ އަނުޖް މެންގެ ގެއަށް ދެއެވެ. އަދި މާޔާ އަށް ނަސޭހަތްލައިދެއެވެ. ޑްރާމާގެ ޓްވިސްޓް އަންނަނީ މިހިސާބުންނެވެ. އަނުޕަމާ ދެއްކި ވާހަކަ މާޔާ އަށް ވިސްނި އޭނާ އަށް އަނުޕަމާ އާ ދޭތެރޭ ކަންތައްތައް ކުރެވުނު ގޮތާ މެދު ލަދުގަތެވެ. އެކަމަށް އަނުޕަމާގެ ކިބައިން މައާފަށް އެދެން ބޭނުންވެ އަނުޕަމާ ހޯދަން މާޔާ ބޭރަށް ނުކުމެއެވެ. އެ ދަނޑިވަޅަކީ އަނުޖް އާއި އަނުޕަމާ، ގޭ ކައިރީގައި އޮތް ބަގީޗާއެއްގައި ވާހަކަ ދައްކާލަން ތިބި ދަނޑިވަޅެކެވެ. މާޔާ އާއި އަނުޕަމާ އާ ދިމާވެއެވެ. އަދި އަނުޖް އާއި އަނުޕަމާގެ ކިބައިން މާޔާ މައާފަށް އެދެއެވެ. ރޮވޭ ވަރުން މާޔާ އަށް ވާހަކަ ނުދެއްކި ކޮށި އަރާ މަންޒަރު ޑްރާމާ އިން ދައްކުވައިދިނެއެވެ. މާޔާ އަށް ފެންފޮދެއް ދިނުމަށްޓަކައި އަނުޕަމާ ކުރިމަތީގައި ހުރި ފިހާރައަށް ދާން ހުރަސްކުރަން އުޅުނީ މަގުމަތިން އަންނަ އެއްޗެއްސަށް ނުބަލައެވެ. މާޔާ އަށް އެ މަންޒަރު ފެނި އަނުޕަމާ އާ ދިމާއަށް އައި ބޮޑު ޓްރަކް އިން އަނުޕަމާ ސަލާމަތް ކޮށްދެއެވެ. ކަންދިމާކުރި ގޮތުން އަނުޕަމާ ސަލާމަތްވެ، މާޔާ ޓްރަކް ދަށުވެ މަރުވީއެވެ.

އުފަން މަންމަ ގެ މަރުގެ ހަބަރު ލިބުމާއެކު ކުޑަ ދަރިފުޅު އަނޫގެ ހާލަތު ވަރަށް ގޯސްވިއެވެ. އޭރު އަނުޕަމާ ފުރަން އޮތީ އެއް ދުވަހަށް ވެފައެވެ. އަނޫ، އަށް ފިޓު ޖެހެން ފެށިއެވެ. އަނުޖް ގޮތް ހުސްވިއެވެ. އަނުޕަމާ އަށް އެ ހަބަރު ލިބުމާއެކު ވަގުތުން އެ ގެއަށް ގޮސް އަނޫ ގާތު މަޑުކުރިއެވެ. ސުވާލަކީ އަނުޕަމާގެ ދުވަސްވީ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ އެމެރިކާ އަށް ދާނެތޯއެވެ. އަނުޖް އާއި ދަރިފުޅު އަނޫ ދޫކޮށްލުމަށް ފަހު އަނުޕަމާ އެމެރިކާ އަށް ދާނެބާއެވެ؟ ޑްރާމާގައި ދެން ކަންތައްވެދާނެ ގޮތް ބަލައިލަން އިންތިޒާރު ކުރާށެވެ.