ސީރިއާއަށް ގޮސް ހަނގުރާމާގައި ބައިވެރިވި ދިވެހިންގެ ތެރެއިން، އެކަނިވެފައި ތިބި އާއިލާތައް އަންނަ އޯގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން ބުނަމުން އައީ ރާއްޖެއަކީ ހަރުކަށި ފިކުރު ނެތް ގައުމެއް ކަމަށެވެ.

ނަމަވެސް "މިއަދު އައިސް އެ ހިސާބު ބެލިއިރު 70 އަށްވުރެ ގިނަ މީހުން ސީރިއާގައި އަމިއްލައަށް މަރުވެއްޖެ" ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 70 އަށް ވުރެ ގިނަ ދިވެހިން ސީރިޔާގައި މަރުވެފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެ ގެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީން ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ ސައްހަ އަގީދާ މިއަދުގެ ޒުވާނުންނަށް އަދި މުޅި މުޖުތަމައަށް ބުނެދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެރި ބައެއް ކަމަށެވެ. އެހެންކަމުން ޒުވާނުންގެ ހުނަރާއި ވިސްނުން މިހާރަށް ވުރެ ބޮޑަށް ދައްކުވައިދެވޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށެވެ.