ޔޫކްރައިން ހަނގުރާމައަށް 500 ދުވަސް ފާއިތުވެގެން ގޮސްފައި ވާ އިރު ހުޅަނގުގެ އެހީގައި ޔޫކްރައިނުން ކުރިއަށް ގެންދާ ރައްދު ހަމަލާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. ޔޫކްރައިންގެ ފައުޖުތަކާ އެކު ކުރީ ސަފުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ނޫސްއިދާރާތަކުގެ ނުސްވެރިން ބުނާ ގޮތުން، ޔޫކްރައިން އިން ކެނޑިނޭޅި ރައްދު ހަމަލާތައް ދެމުން ދިޔަ ނަމަވެސް ކުރިއަރުން ލިބެނޭ ވަރަށް ކުޑަކޮށެވެ. އަދި ކުރިއެރޭ މިންވަރުވެސް ލަސް ކަމަށާއި އެކަމުގެ ކަންބޮޑުވުން ޔޫކްރައިންގެ ސިފައިން ފާޅުކުރަމުން ދާ ކަމަށް ބުނެފައި ވެއެވެ.
އެެމެރިކާ ނުވަތަ ހުޅަނގާއި ރަޝިއާ އާ ދެމެދު ކުރެވޭ ހަނގުރާމައެއްގެ ގޮތަށް މިހާރު ސިފަކުރެވެމުން ދާ ޔޫކްރައިން ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް ކްލަސްޓާ ބޮން ޔޫކްރައިން އަށް ދޭން އެމެރިކާއިން ވަނީ ނިންމާފައެވެ. މިއީ ބޮޑު ބޮމެއްގެ ތެރޭގައި ކުދި ކުދި ގިނަ ބޮންތަކެއް ހިމެނޭ ގެއްލުން ދެނިވި ނުރައްކާ ހަތިޔާރެކެވެ. ދުނިޔޭގެ 120 ގައުމަކުން މި ބޮން ބޭނުން ކުރުން މަނާ ކޮށްފައި ވަނިކޮށް ޔޫކްރައިން އަށް މި ބޮންތައް ދޭން އެމެރިކާއިން ނިންމުމުން ހުޅަނގުގެ ބައެއް ގައުމުތަކުންވެސް އެމެރިކާއަށް ފާޑުކިޔާފައި ވެއެވެ. ނަމަވެސް އެމެރިކާގެ ނިންމުން ދިފާއު ކޮށް އެގައުމުގެ އޮފިޝަލުން ވިދާޅުވެފައި ވަނި މިވަގުތަށް އެއީ މުހިންމު ހަތިޔާރެއް ކަމަށެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ރަޝިއާގެ ހާރިޖީ އޮފީހުގެ ތަރުޖަމާން މަރިއާ ޒަހަރޯވާ ވިދާޅުވީ، އެއީ ގޮސް ހުސްވެފައި ވާކަމުގެ ފުރިހަމަ ހެއްކެއް ކަމަށާއި އެ ހަތިޔާރު ދިނުމަކުން ރަޝިއާއިން ޔޫކްރައިންގައި ހިންގާ އަސްކަރީ އޮޕަރޭޝަނަށް ބަދަލެއް ނާންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުން ދޭހަކޮށްދެނީ ޔޫކްރައިން އިން ދެމުން ގެންދާ ރައްދު ހަމަލާތައް ފެއިލްވެފައި ވުން ކަމަށާއި ގޮތް ހުސްވެ ހަދާނެ ގޮތެއް ނޭނގިގެން އުޅުން ކަމަށެވެ.
"އެމެރިކާ އާއި ޔޫކްރައިން އިން ދެކެނީ އެއީ މިރަކަލް ވެޕަން ކަމަށް، އެކަމުގެ ސަބަބުން ދެން ނުކުމެދާނެ ނަތީޖާއަކާ މެދު އެމީހުން ނުވިސްނާ، ރަޝިއާއިން ހިންގާ އޮޕަރޭޝަނަށް އެކަމުން އެއްވެސް ބަދަލެއް ނާންނާނެ"
އަދި އެކަމުން ދައްކައިދެނީ ރަޝިއާ އާ ދެކޮޅަށް އޮތް އެމެރިކާގެ ނިޔަތް ކަމަށާއި ހަނގުރާމަ ދިގު ދެންމުން ކަމަށެވެ.
ޔޫކްރައިން އާ ދެކޮޅަށް ރަޝިއާއިން ވެސް ކްލަސްޓާ ބޮން ބޭނުން ކޮށްފައި ވެއެވެ. މިހާރު ކުރިއަށް ދާ ހަނގުރާމައިގައި ވެސް ބޭނުން ކޮށްފައި ވާ އިރު، ޔޫކްރައިން އިން ވެސް ކްލަސްޓާ ހަތިޔާރު ބޭނުން ކޮށްފައި ވެއެވެ. ނަމަވެސް އެއީ އެމެރިކާއިން ފޯރުކޮށްދޭން ނިންމި ޒާތުގެ ބޮމެއް ނޫނެވެ.
އެެމެރިކާގެ ނިންމުމާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ތެދުވެފައި ވާ މި ދަނޑިވަޅުގައި އެ ޖަމާއަތްތަކުން ބުނެފައި ވަނީ ކްލަސްޓާ ބޮމަކީ އެ ބޮން ވައްޓާލުމުން ބުރައިގެން ދާ ކުދި ކުދި ބޮންތައް ނުގޮވާ އެތައް އަހަރަކަށް ފޮރުވިފައި ހުރެދާނެ ބޮންތަކެއް ކަމަށާއި އެކަމުގެ ސަބަބުން އާންމުންނަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެެމެރިކާއިން ފޯރުކޮށްދޭ ކްލަސްޓާ ބޮމަކީ، ވައްޓާލުމާއެކު ފުޓުބޯޅަ ދަނޑެއްހާ ސަރަހައްދު އެއްގޮށް ގޮއްވާލައި ނުވަތަ ރޯވެ އަނދައިގެން ދާ ވަރުގެ ބާރުހުރި ބޮމެކެވެ.