ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ށ. އަތޮޅަށް ވަޑައިގެންފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނާއެކު ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ މިނިސްޓަރުން ވަނީ ށ އަތޮޅަށް ވަޑައިގެންފައެވެ. ށ. ކޮމަންޑޫއިން ރައީސް ސޯލިހުގެ ކެމްޕެއިން ފެއްޓެވިއިރު އެ ރަށުގެ އެމްޑީޕީ މެންބަރުންނާ ރައީސް ސޯލިހު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ހޯމް މިނިސްޓަރު އަދި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ފެނަކައިގެ މެނޭކިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އަހަރު ތަކަކަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް މި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ށ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެެވެ.

ރައީސްގެ މި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ މަރޮއްޓާއި ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ކެމްޕެއިން ފެށުމުގެ ރަސްމިީ ޖަލްސާ މިރޭ ފޯކައިދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައިދިނުމަށް ވަނީ ނިންމަވާފައެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތް ށ. އަތޮޅުން ފެއްޓެވިއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ދޮރުން ދޮރުން ކެމްޕެއިން ވަނީ ފައްޓާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ހަރަކާތް މިހާރު ލ އަތޮޅުގައި ކުރިއަށްދާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިން ހަރަކާތް މިހާރު ކުރިއަށްގެންދަނީ ހދ. އަތޮޅުގައެވެ.