އެމްޕީއެލް މާލެ ބަނދަރުގައި އޮތް ކާގޯ ބޯޓު ""އެމްވީ އަލްބިދާ"ގެ ކެރޭނު ވެއްޓުނީ އެ ކެރޭނުގެ ކޭބަލްއެއް ކަނޑައިގެން ދިއުމުން ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ކޮމާޝަލް ފާލަމުގައި ކަމަށެވެ. އަދި ހާދިސާ ހިނގާފައި ވަނީ ބޯޓުގެ އޮޕަރޭޝަންގެ ތެރެއިން އެ ބޯޓު ތެރޭގައި އިން ކެރޭނުގެ ކޭބަލްއެއް ކަނޑައިގެން ދިއުމުން ކަމަށެވެ.

ހާދިސާ ހިނގި ވަގުތު ކެރޭނުގައި ކޮންޓެއިނާއެއް އަޅުވާފައި ނެތް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަށް ވެސް ގެއްލުން ނުވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ އެ ކެރޭނަކީ އެމްޕީއެލްގެ އިކުއިޕްމެންޓްއެއް ނޫން ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތަކެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ އިތުރުން މުދަލަށް ވެސް އެކި ވަރުގެ ގެއްލުންތައް ވެފައިވެއެވެ.