އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލާ، "ސޭވް އެފްއޭއެމް" ކެމްޕޭންގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުން އޮންނާނީ ޝީ ބިލްޑިންގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަސަރީ މާލަމުގައި މިރޭ 8:45 ގައެވެ.

މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް، ރާއްޖޭގެ ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިންނާއި، ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިންނާއި، ރައްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގައި ޝާމިލުވާ ކްލަބްތަކަށް ދައުވަތު ފޮނުވާފައިވާނެ ކަމަށް އެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ފަރާތެއް ވަނީ ވިދާޅުވެފައެވެ.

މީރޭގެ ބައްދަލުވުމުގައި ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތާއި އަދި ކުރިމަގާ ބެހޭގޮތުނާއި އެ ކެމްޕޭން ކުރިއަށްދާނެ ގޮތަކާ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސޭވް އެފްއޭއެމް" ސްލޯގަންއާއެކު ފެށި މި ކެމްޕެއިނަކީ ސާފް ޗެމްފިއަންޝިފުގައި ގްރޫޕު ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިފަހަރު ކެޓުމާއި ގުޅިގެން، ފުޓްބޯޅައިގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ ބޭފުޅުންތަކެއް އެއްވެގެން ފެށި ކެމްޕޭނެކެވެ.

މީގެ 26 އަހަރު ކުރިން ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ކުޅެން ފެށި ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ މުބާރާތުގެ ސެމީއަށް ނުގޮސް ވަނީ ކަޓާފައެވެ.