ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ, ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ، މާފަންނު ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދުގައި ކޮންޓްރެކްޓަރަކު މަސައްކަތެއް ކުރުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ, އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެހެންވެ، ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ގަޑިއިރެއްގެ ތެރޭ އަލުން ކަރަންޓު ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.

މީގެ ކުރިން ވެސް ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓު ކެނޑިފައިވެއެވެ. ބައެއް ފަހަރު މިގޮތަށް ކަރަންޓު ކެނޑި ގަޑިއިރަކަށް ވުރެ ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ.